ރާއްޖޭގެ "ފްލޯޓިން ސިޓީ" މަޝްރޫއަށް އެސްޓޯނިއާ އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ފްލޯޓިން ސިޓީ މަޝްރޫއަށް އެސްޓޯނިއާ އިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓާރްޓޫގެ މޭޔަރު އަރްމަސް ކްލާސް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެން ކުރެއްވި މަޝްވަރާގައެވެ.
އެ ފަރިއްކޮޅުގައި ޔުނިވާސިޓީ އޮފް ޓާރްޓޫގެ ރެކްޓާ ޓޫމަސް އައްސެރް އާއި އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމްގެ ޑިރެކްޓަރު ޑރ. ކޭޓޫ ސަކްސް އާއި އެސްޓޯނިއަން ބަޔޯބޭންކްގެ ހެޑް އަދި ޔުނިވާސިޓީ އޮފް ޓާރްޓޫގެ އިންސްޓިޓިއުޓް އޮފް މޮލިކިއުލާ އެންޑް ސެލް ބަޔޮލޮޖީގެ ޕްރޮފެސަރު ލިލީ މިލާނީ އާއި، ޓާރްޓޫ ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ފަރިއްކޮޅުގައި ދެ ގައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، އެކުގައި މަސައްކަތްކުރެވޭނޭ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ރާއްޖެ އާއި އެސްޓޯނިއާއާ ގުޅޭ ތަފްސީލުތައް ބައިވެރިން ހިއްސާކުރައްވާފައިވާ ކަމަށެވެ.
ޓާރްޓޫގެ މޭޔަރު އަރްމަސް ކްލާސް އާއި ފަރިއްކޮޅުގެ ބައިވެރިން ވަނީ، ރާއްޖޭގެ "ފްލޯޓިން ސިޓީ" މަޝްރޫއާ މެދު ޝައުގުވެރިކަން ފާޅުކުރައްވާފައި ކަމަށާއި ރައީސް މުއިއްޒު، އެ މަޝްރޫއު ފަރުމާކުރައްވާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމާއި، އޭގެ ސަބަބުން ދިވެހިންނަށް ލިބޭނެ ފައިދާ އާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އާބަން ތަރައްގީގެ ނަމޫނާއެއްގެ ގޮތުގައި އެ ސިޓީ ވެގެންދިއުމަށް އޮތް ފުރުސަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބައިވެރިން ވަނީ އެސްޓޯނިއާގެ ސަގާފަތާއި މުއްސަނދި ތާރީހާއި، ތަރިކަ އަދި އާބާދީގެ ޑައިނެމިކްސްގެ އިތުރުން އެ ގައުމުގެ މުސްކުޅިވަމުން އަންނަ އާބާދީއަށް ހުރި ގޮންޖެހުންތަކާ މެދުވެސް މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ރައީސް ވަނީ، އެސްޓޯނިއާގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ކަމަށާއި އެގޮތުން އާންމު ހިދުމަތްތަކާއި، ތައުލީމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށްފައިވާ ޑިޖިޓަލް އީޖާދާއި، އީ-ގަވަނަންސްގެ އެހީގައި ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ހޯދާފައިވާ ކުރިއެރުމުގެ އަލީގައި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
އެސްޓޯނިއާ އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފްލޯޓިން ސިޓީގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރުއެވެ. ނަމަވެސް އެ މަޝްރޫއަށް ފަހުން ވީގޮތެއް ނޭނގެއެވެ.
އޭގެ ފަހުން ދެވަނަ ފަހަރަށް އެ މަޝްރޫއުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. "މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި 2021 ވަނަ އަހަރު އެ މަޝްރޫއު އިފްތިތާހުކުރި ނަމަވެސް، އެންމެ އެދެވޭ ސްޕީޑުގައި ކުރިއަކަށް ނުދެއެވެ.
"މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށްގެންދާ އެ މަޝްރޫއު ހިންގަން ފެށުމުގެ ގޮތުން މިދިޔަ ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފައެވެ. ފްލޯޓިން ސިޓީން މާލެއަށް 10 މިނެޓު ތެރޭގައި ދަތުރު ކުރެވޭނެއެވެ.
ފްލޯޓިން ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޑަޗް ޑޮކްލޭންޑްސްއާ ހަވާލުކުރީ 14 މާޗް 2021 ވަަނަ ދުވަހުއެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ 10 އަހަރަށް ބަހާލައިގެންނެވެ. ނަމަވެސް ފަހުން ފްލޯޓިން ސިޓީ މަޝްރޫއުގެ އެގްރީމެންޓަށް ބަދަލުތަކެއް ގެނެސް, އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލަށް ފްލޯޓިން ސިޓީ ހަދާ ގޮތަށް އަނެއްކާ ވެސް ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާ އެކު ޓޫރިޒަމް މިނިސްޓްރީން ވަނީ 2022 ވަނަ އަހަރުގެ ޖޫން މަހު ސޮއިކޮށްފައެވެ.
ޑަޗް ޑޮކްލޭންޑްސް ކުންފުނީގެ ފަރާތުން އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބައިސަން މޯލްޑިވްސް ކިޔާ އަމިއްލަ ކުންފުންޏަކާއެވެ. ބައިސަން ކުންފުންޏާ ހަވާލުކޮށްފައިވަނީ 5000 ފްލޯޓިން ހައުސިން ޔުނިޓް އެޅުމަށެވެ. އަދި އެ މަޝްރޫއުގެ ފުރަތަމަ ބްލޮކުގެ ގެތައް ނިންމައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ފަޅުގައިވެސް ބަހައްޓައިފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ޑަޗް ޑޮކްލޭންޑްސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ މަޝްރޫއުގެ މާސްޓާޕްލޭނަށް އިތުރު ބަދަލުތަކެއް ގެނެސް، 5000 ފްލޯޓިން ހައުސިން ޔުނިޓަށްވުރެ އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި މަޝްރޫއު ނިންމާލެވޭނީ 2028 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ.