ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރި ކަމުގައި ހައްޔަރު ކުރި، އިދިކޮޅު ސިޔާސީ ބައެއް އިސް ލީޑަރުން މިނިވަންކުރަން، 2018 ވަނަ އަހަރުގެ ފެބްރުއަރީ އެކެއްގައި، ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކޮށްފައިނުވާ މުއައްސަސާތަކާ މެދު ފިޔަވަޅު އަޅަން ޖަލު ކޮމިޓީން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ލަފާ ދީފިއެވެ.
އެ ކޮމިޝަނުން މިނިސްޓަރަށް އެގޮތަށް ލަފާދީފައިވަނީ، މިއަދު އާއްމު ކުރި އެ ކޮމިޝަންގެ އޮޑިޓް ރިޕޯޓްގައެވެ.
ރިޕޯޓްގައި ކޮމިޝަނުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރުތަކަކީ ތަންފީޒު ކުރަން ލާޒިމް އަމުރުތަކެއް ނަމަވެސް 1 ފެބުރުއަރީ ގެ އަމުރު ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސްއިން ކަނޑައެޅިގެން ދެކޮޅުހެދި ކަމަށެވެ. އެކަމަކީ ގާނޫނީ ކުށެއް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ނުވަ ގައިދީއަކު ދޫނުކޮށް، ހޭދަވި ކޮންމެ ދުވަހަކީ ޣައިރު ގާނޫނީ ބަންދެއްގައި އެ މީހުން ބެއިތިއްބުން ކަމަށެވެ.
އެ ހާލަތު ކުރިމަތިވި އިރު ވެސް، އެޓާނީ ޖެނެރަލް އާއި އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އިންޓެގްރިޓީ ކޮމިޝަނުން އެ މީހުންގެ ހައްގު ހޯދައިދޭން އެއްވެސް ފިޔަވަޅެއް އަޅައިފަ ނުވާ ކަމަށް ރިޕޯޓުގައިބުނެފައިވެއެވެ. އަދި އެ ނުވަ ގައިދީންގެ ހައްގުތައް ހިފަހައްޓާފައި އޮތީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.
ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރުގައި، ދައުލަތުގެ މުއައްސސާތަކަށް އަންގާފައިވަނީ، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ބޭސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު އިނގިރޭސި ވިލާތުގައި އޭރު ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބޭސްފަރުވާއަށް ޖަރުމަލް ވިލާތަށް ވަޑައިގެން އެތަނުގައި ހުންނެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޖަލުގައި ތިއްބެވި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށެވެ.
ނަމަވެސް އެ އަމުރު ތަންފީޒުނުކޮށް، ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިއެވެ. އަދި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެއިތުރުން ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ދެ ބޭފުޅުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތު ކުރިއެވެ. އެ އަމުރު ނެރުނީ ވެރިކަން ވައްޓާލަން ކަމަށް ސަރުކާރުން ތުހުމަތުކުރުމުން، އެ އަމުރުގައި ސިޔާސީ ލީޑަރުން މިނިވަންކުރަން އެންގި ބައި، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރަކު ސޮއި ކުރައްވައި ބާތިލް ކުރެއްވީއެވެ.