އިނގިރޭސި ޕްރިމިއާ ލީގު

ދެ ގޯލުގެ ލީޑެއް ގެއްލުވާލި ސިޓީއަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން އެއްވަރުވެއްޖެއެވެ.

ސިޓީން ޖެހިޖެހިގެން ފަސްވަނަ ޕްރިމިއާ ތަށްޓަށް ކުރަމުން އަންނަ އުންމީދަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ އިރު، މިހާތަނަށް މި ސީޒަނުގައި އެޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެން ގޮސްފައިވެއެވެ. އަނިޔާގެ ގިނަ މައްސަލަތަކަކާ ވެސް ސިޓީއަށް ކުރިމަތިވެފައިވާ އިރު، ރެކޯޑު ދަށް ނަތީޖާތަކަކާ ވެސް ކުރިމަތިލާން ޖެހިފައިވެއެވެ.

ރޭގެ މެޗަކީ ވެސް ސިޓީއަށް ކުރިމަތިވި އުނދަގޫ ހާލަތަށް އިތުރު ބޮޅެކެވެ. އެޓީމުން 2-0 ގެ ލީޑެއްގައި އޮވެފައި، ކޮޅަށް ދެގޯލު ވައްދާލުމުން މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

އެ ނަތީޖާއާ އެކު ސިޓީ ތާވަލުގެ ހަވަނައަށް ވެއްޓިފައިވާ އިރު، އެޓީމަށް 21 މެޗުން ލިބިފައި ވަނީ 35 ޕޮއިންޓެވެ. އެއީ ސިޓީއާ އަޅާބަލާއިރު، ދަށް މަގާމެކެވެ.

ރޭގެ މެޗުގެ ހަތަރު ގޯލުވެސް ދެވަނަ ހާފުގައި ފެނުނު އިރު، 66 ވަނަ މިނެޓާއި 78 ވަނަ މިނެޓުގައި ސިޓީގެ ގޯލުތައް ޖެހީ ފިލް ފޮޑެންއެވެ. އެ ދެ ގޯލާ އެކު ސިޓީން މެޗު ކާމިޔާބު ކުރާނެ ކަމަށް ބެލެވިފައި އޮއްވައި، 82 ވަނަ މިނެޓުގައި ޔޯނޭ ވީސާ ޖެހި ގޯލުން ބްރެންޓްފޯޑު ހިތްވަރު އާކުރިއެވެ. އެ ގޯލަކީ ވީސޭ އެ ކްލަބަށް ޖެހި 37 ގޯލެވެ. އޭނާއަކީ މިހާރު އެ ކްލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ. ކުރިން އެ ރެކޯޑު އޮތީ އިވާން ޓޮނޭ އަތުގައެވެ.

ބްރެންޓްފޯޑަށް މެޗުން ޕޮއިންޓެއް ހޯދައިދިން ގޯލަކީ 92 ވަނަ މިނެޓުގައި ކެޕްޓަން ކްރިސްޓިއަން ނޯގާޑް ބޮލުން ޖެހި ގޯލެކެވެ. އޭގެފަހުން ބްރައިން އެމްބުއޭމޯގެ ނުރައްކާތެރި ހަމަލާއެއް ސިޓީގެ ނެތަން އަކޭ ރޮނގުމަތިން ސާފުކޮށްލާފައިވާ އިރު، ބްރެންޓްފޯޑު ފަހު މިނެޓު މޮޅުނުވީ ކިރިޔާއެވެ.