ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުންދާ ފަޒީލާ އުސްމާންގެ ފަޒީސް ހިޖާމާ ކްލިނިކް ހެލްތު މިނިސްޓްރީން އެންމެ ފަހުން ރަޖިސްޓްރީކޮށް ދީފިއެވެ.
ފަޒީލާ ހިންގަމުންދިޔަ "ފަޒީސް ހިޖާމާ ތެރަޕީ" ހުއްދަ ނުނަގާ ހިންގާތީ ފުލުހުންގެ މެދުވެރިކޮށް އެތަން ވަނީ މިދިޔަ އޮކްޓޫބަރު މަހު މެދުވެރިކޮށް ބަންދުކޮށްފައެވެ.
ފޭސްބުކްގައި ފަޒީލާ މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ހެލްތު މިނިސްޓްރީން އޭނާގެ ކްލިނިކް ރަޖިސްޓްރީކޮށްދީފައިވާ ކަމަށާއި ނަމަވެސް ހިދުމަތް ފެށުމަށް ބޭނުންވާ ލައިސަންސް އަދި ހަމަނުޖެހޭ ކަމަށެވެ.
ފަޒީލާގެ ކްލިނިކް ބަންދުކުރުމަށް ހެލްތު މިނިސްޓްރީން މީގެ ކުރިންވެސް އެންގިއެވެ. ފުލުހުން މެދުވެރިކޮށް އެ ކްލިނިކް ބަންދުކުރީ އޭރު އެ އެންގުމަށް އަމަލުނުކޮށް ކްލިނިކުން ހުއްޓުމެއްނެތި ހިދުމަތް ދެމުން ދިއުމުންނެވެ.
ހެލްތް މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނީ، އެ ކްލިނިކުގެ ހިދުމަތް ހުއްޓާލަން އެންގީ އެކަމާ ގުޅިގެން މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާތަކަށް ބަލައި އޭނާއާ ބައްދަލުކޮށް، ރަޖިސްޓްރީ ކޮށްގެން ހިދުމަތް ދިނުމަށް އެންގުމަށްފަހު ކަމަށެވެ.
އަދި ފަޒީސް ހިޖާމާ ޖެހުމުގެ ހިދުމަތް ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ އިޝްތިހާރުތަކަކީ ވެސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ އެ އިޝްތިހާރުތައް ނެގުމަށާއި ބަލި މީހުންގެ މެޑިކަލް ރިޕޯޓުތަކުގެ މައުލޫމާތަކީ އެންމެ ރައްކާތެރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރުނުވާތީ އެ ރިޕޯޓުތައް ނެގުމަށްވެސް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.