ޚަބަރު

ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު މުހިންމު ތިން އެއްބަސްވުމެއް

ދިވެހި ސަރުކާރާއި އެސްޓޯނިއާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ސަރުކާރުން މިއަދު ވަނީ ބައެއް ދާއިރާތަކުން އެސްޓޯނިއާގެ އެހީތެރިކަން ހޯދުމަށް މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެގޮތުން އެއް އެއްބަސްވުމަކީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައިގެ އިލްމާއި އެއްބާރުލުން އަދި އެހީތެރިކަން ހޯދުމަށް ވެވުނު އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ.

މިއަދު ވަނީ އެސްޓޯނިއާއިން ޕޮލިޓިކަލް ކޮންސަލްޓަންސީ ހޯދުމަށް ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ދެ ގައުމުން އެއްބާރުން ދިނުމަށް ވެވުނު އެއްބަސްވުމުގައި ވެސް ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ހަލީލެވެ.

މިއަދު ސޮއިކުރެވުނު ތިންވަނަ އެއްބަސްވުމަކީ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސައިބާ ސެކިއުރިޓީން އެއްބާރުލުން ހޯދުމުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.