އިބްރާހިމް ޒަކީ
ވަކި މުއްދަތެއް ނެތް ގޮތަށް ޝަރީއަތް ނިމެންދެން ޖަލުތަކުގައި ބަންދުކޮށްފައިވާ ބައެއް މީހުންގެ ބަންދަށް ހަތް އަހަރުވެފައިވާ ކަމަށް ޖަލުތަކާބެހޭ ކަންތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ޖަލު ކޮމިޝަނުން ބުނެފިއެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބަލައި އެ ކޮމިޝަނުން އެކުލަވާލި އޮޑިޓް ރިޕޯޓް މިއަދު އާއްމުކޮށްފައިވާއިރު، އެ ރިޕޯޓްގައި ބުނެފައިވަނީ، އެމީހުން އެގޮތަށް ބަންދުގައި ތިބުމުގެ ސަބަބުން މިހާރު ނަފްސާނީ ގޮތުން މައްސަލަތައް ދިމާވެ، އެތައް ހައްގެއް ގެއްލިފައިވާ ކަމަށެވެ.
އެހެންކަމުން ހަ މަސް ދުވަހުގެ ތެރޭގައި، ޕްރޮސިކިއުޓަރ ޖެނެރަލް އާއި ކޯޓުތަކާއި އެކު މަޝްވަރާކުރުމަށްފަހު އެމީހުންގެ ޝަރީއަތްތައް އަވަސްކޮށް އަދުލް އިންސާފު ކަށަވަރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކޮމިޝަނުންގެ ރިޕޯޓްގައި ހޯމް މިނިސްޓަރުގެ ކިބައިން ވަނީ އެދިފައެވެ.
ވިޔަފާރީގެ އުސޫލުން ޖަލުތަކުގައި، ގައިދީންނަށް ބޮޑުއަގުގައި ވިއްކާ ތަކެތީގެ އަގު އާއްމު ރޭޓާއި އެއްވަރަށް ތިރިކޮށް، ވިޔަފާރި ހިންގުން އާއްމުކޮށް ހުޅުވައިލެވޭ ބީލަމުގެ އުސޫލުން ބަޔަކާ ހަވާލުކޮށް، ޤައިދީންނަށް ވިއްކާ ތަކެއްތީގެ ފެންވަރު ބެލޭނެ ނިޒާމެއް ހަމަޖެއްސުމަށްވެސް ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.
އެ ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގެ ޖަލުތަކުގައި ކޮންމެ ގައިދީއަކަށް ވަކިއުސޫލަކުން އަމަލުކުރުމުގެ ސަބަބުން ޖަލުގެ އުސޫލުތައް ގިނަ ބަޔަކަށް އޮޅުންއަރައި ޖަލުގެ ހާލަތު އިންސާނުން ބަންދުކޮށްގެން ގެންގުޅުން އެކަށީގެން ނުވާ ހާލަތަށް ގޮސްފައިވާކަމަށެވެ