ޚަބަރު

18 އަހަރު ފުރޭ މީހުންގެ މައުލޫމާތު ހޯދައި، ޕީއެންސީއަށް ވައްދަން އުޅޭ ވާހަކަ އިހުސާން ދޮގުކުރައްވައިފި

2

އުމުރުން 18 އަހަރު ފުރޭ މީހުންގެ މައުލޫމާތު ހޯދައި، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވައްދަން އުޅޭ ވާހަކަ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ދޮގުކުރައްވައިފިއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ، އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އެކްސްގައި މިރޭ ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

އެ ޕޯސްޓުގައި އިބުރޭ ވިދާޅުވީ މިއަހަރު 18 އަހަރު ފުރޭ ކުދިންގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ހޯދައި، މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުން އެ ކުދިންގެ ނަމުގައި މިހާރު ފޯމުތައް ފުރައި، 18 އަހަރުވުމުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅަން ތައްޔާރުކޮށް ޕީއެންސީ އޮފީހުގައި ހުރި ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު އިހުސާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހުންގެ ބޮލުގައި އެފަދަ ބޮޑެތި ދޮގު ހަދައިގެން ކަންކަން އެޅުވުމަށްވުރެ އެމްޑީޕީގެ ސިޔާސަތުތަކުގެ ރަނގަޅު ވާހަކަދެއްކުމަށް ވަގުތު ހޭދަކުރުން ރަނގަޅުވާނެ ކަމަށެވެ.

"މަނިކުފާނުގެ ސަރުކާރުގައި މިކަން ކުރައްވަން މަނިކުފާނު ވިސްނެވީތޯ؟ ހަމަ ޔަގީނުންވެސް އަޅުގަނޑު މިހާތަނަށް ހިޔާލަށްވެސް ނުގެންނަ ކަމެއްގެ ވާހަކަ ތިޔަ ވިދާޅުވީ. ތިބޭފުޅުން ތި ދައްކަވާ ކޮންމެ ދޮގު ވާހަކައަކަށް ޖަވާބުދޭނެ ވަގުތު ނުވަތަ ފުރުސަތު އެމީހަކަށް ނުލިބިވެސްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ "މެމްބާޝިޕް ޑްރައިވް" ހަރަކާތުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމު ހުށަހެޅި ވަޒީރުންނާ ސުވާލުކުރުމާ ބެހޭ ނޯޓިސްގައި ވިދާޅުވެފައިވަނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުންކޮށްގެން މީހުންގެ ޝަހުސު އޮޅުވާލައި ޕީއެންސީއަށް މެންބާޝިޕް ފޯމު ފުރާވާކަން ހާމަވެފައިވާ ކަމަށެވެ.

އެހެންވެ މީކާއިލް ވަނީ މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅަނީ ކޮން ފިޔަވަޅެއްތޯއާއި ސައްހަ ނޫން ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ހޯމް މިނިސްޓްރީގެ އިސްވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލުކުރަން އެދިފައެވެ.

ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް ޕީއެންސީން އެއްބަސްވެފައިވާ އިރު، އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ފުލުހުންވެސް ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟