ޚަބަރު

އުސޫލުން ބޭރުން ފުލެޓް ނުވަތަ ގޯއްޗެއް ދީފައިއޮތްކަން އެނގިއްޖެ ނަމަ އަތުލާނަން: މިނިސްޓަރު މުއްތަލިބު

އުސޫލުން ބޭރުން ފުލެޓު ނުވަތަ ގޯއްޗެއް ދީފައިއޮތްކަން އެނގިއްޖެ ނަމަ އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އުސޫލުން ބޭރުން ފްލެޓު ނުވަތަ ގޯތި ދީފައިވާ ނަމަ އެ ބަޔަކު އަތުން އެ ތަންތަން އަތުލާނެ ކަމަށާއި އުސޫލުން ބޭރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފްލެޓް ދޭނެ ކަމަށް ބުނެ، ނުވަތަ ގޯތި ދޭނެ ކަމަށް ބުނެ، އެކިއެކި މީހުންގެ އަތުން ފައިސާ ނަގާ ފަރާތްތައް އުޅޭ ކަމަށާއި ނަމަވެސް އެ ފަދަ މީހުންނަށް ފައިސާ ދިނުމަށް ފަހު، ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް އުންމީދުކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ. އަދި އެކަމުގެ ޒިންމާ ސަރުކާރުން ނުނަގާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން އިއުލާނު ކުރި ފްލެޓް ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 4،000 މީހުންގެ ފޯމު އަލުން ވެރިފައިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވެރިފިކޭޝަން ޕްރޮސެސް ކުރަނީ ނޮވެމްބަރު 15، 2023 ގައި އާންމުކުރި ލިސްޓު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ޕްރޮސެސް ކުރިއަށްގެންދާ އިރު، އެއިރު އެޕްލިކޭޝަން ހުށަހެޅި ޕޯޓަލްގައިވާ އިރުޝާދުތަކަށް ބަލާނެ ކަމަށާއި އެގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުކުރަން ހުށަހެޅިދާނެ ކަމަށް ޕޯޓަލްގައިވާ ލިޔުންތަކަކީ ފޯމުތައް އިވެލުއޭޓްކުރުމުގައި ބަލާނެ ލިޔުންތައް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ފޯމުތައް ވެރިފައިކުރުމަށްފަހު، ގެޒެޓްކުރާނީ ފޯމުގައި މައްސަލައެއް ހުރިނަމަ އެމައްސަލަ އެނގޭ ގޮތަށް ކަމަށާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އަމާޒަކީ ރޯދަ މަހުގެ ކުރިން އެ ލިސްޓު ގެޒެޓުކުރުން ކަމަށް ވިދާޅުވިއެވެ.