ޚަބަރު

މޫސުން ގޯސް! ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމަޔަށް ރީނދޫ ސަމާލު

މުހައްމަދު އިޝާން

ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމަޔަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމަޔަށް، ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރައި ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ސަރަހައްދަށް މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 11:30 އިން ފެށިގެން 15:30 އާ ހަމަޔަށެވެ.

މެޓް އޮފީހުން މިދިޔަ އާދިއްތަ ދުވަހު ބުނެފައިވަނީ ހޯމައިން ފެށިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ބުނެފައިވަނީ ރާއްޖޭގެ އިރުން ހުޅަނގު ދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެގޮތުން ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ. މެޓުން އިތުރަށް ބުނީ ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

މެޓްގެ އޮފިޝަލަކު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ 15 މޭލާއި 25 މޭލުގު ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށެވެ.

މޫސުން ގޯސްވާ ދުވަސްވަރު، ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ޓާސްކް ފޯސްއެއް އެކުލަވާލައި މުޅި ރާއްޖޭގައި ވަނީ އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަންގެ ދަށުން ރަށްރަށް ފެން ހިންދާ ޕަންޕުތައް ވަނީ ފޮނުވައިފައެވެ. އަދި ވަނީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށައިފައެވެ. އަދި މާލޭގެ ތިން ސަރަހަދެއްފައި ވަނީ ބެކަޕް ވެލި ބަސްތާ ލޮރީތަކެއް ބާއްވައިފައެވެ.

މިދިޔަ ސްކޫލު ބަންދުގެ ދުވަސްވަރު، މިމަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް މޫސުން ގޯހެވެ. އެގޮތުން މިމަހުގެ ތިންވަނަ ދުވަހު މާލެއަށް ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ ވެހި ވަނީ ފެންބޮޑުވެފައެވެ.