ޚަބަރު

ކިލޯއަކަށްވުރެ ގިނަ ޑްރަގް ހޯދައި މީހަކު ހައްޔަރުކޮށްފި

މާލެއާއި ހުޅުމާލެގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ޏ. ފުވައްމުލައް، ފުނާޑު / ފިނިފެންމާގެ، އަހުމަދު ޝައުބާން ލަތީފް (26އ) އެވެ.

ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި އޭނާއާ ގުޅުންހުރި ކަމަށް ބެެލެވޭ ހުޅުމާލެ ފޭސް ދޭއްގައި ހުރި އެޕާޓްމަންޓަކާއި މާލޭގެ ތިން ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުން 1058.31 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ޝައުބާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.