ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވުމަށް ރާއްޖެ އާއި އެސްޓޯނިއާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެސްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި މައުލޫމާތު ބަދަލުކުރުމާއި ދެގައުމުން އެހީވުމުގެ އިތުރުން ގުޅިގެން އެކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ.
މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ބޭނުމަކީ މޫސުމީ ބަދަލުތަކުގެ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އިއާދަކުރަނިވި ހަކަތަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ވަރުގަދަ ކުރުން ކަމަށެވެ.
ރައީސް މުއިއްޒާއި ސަރުކާރުގެ ވަފުދެއް އެސްޓޯނިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކާރިސްގެ ދައުވަތަކަށެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅެވެ.
ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި އެ ގައުމުގެ ބައެއް ވަޒީރުންނާ ވަނީ ބައްދަލުކުރައްވައިފައެވެ. އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރްއާ ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އީޖާދީ އުފެއްދުންތެރިކަމާއި އަދި ފަންނިއްޔާތުގެ ދާއިރާގައި އެސްޓޯނިއާ އިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް މަޝްވަރާ ކުރައްވާނެއެވެ. އަދި އެސްޓޯނިއާގެ ރައީސަށް ލަފާއަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިންތިޒާމުކުރާ ރައުންޑް ޓޭބަލް ބައްދަލުވުމެއްގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.