އިބްރާހިމް ޒަކީ
ބައެއް ރީބްރޯޑްކާސްޓަރުންގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާ މައާފުކޮށްދެވޭނޭ ގާނޫނީ ހަމައެއް އޮތްތޯ ބަލައި އެކަމުގެ ލަފަޔަކަށް އެދި ބްރޯސްކާސްޓީން ކޮމިޝަން (ބްރޯޑްކޮމް) އިން އެޓާނީ ޖެނެރަލް (އޭޖީ)އަށް ހުށަހަޅައިފިއެވެ.
ބްރޯޑްކޮމް އިން ބުނީ އެކަމުގައި އޭޖީގެ ލަފައަކަށް އެދުނީ އެ ކޮމިޝަނުން ޖޫރިމަނާ ކޮށްފައިވާ ބައެއް ފަރާތްތަކުން އެ ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި ކޮމިޝަނަށް ހުށަހަޅާފައިވާތީއެވެ.
ބްރޯޑްކޮމް އިން މިއަދު ބުނީ، ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓްކުރި މައްސަލައިގައި ވޭތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި 29 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކުން ޖޫރިމަނާ ދައްކާފައިވާއިރު، 15 ފަރާތަކުން ޖޫރިމަނާ ނުދައްކާ ކަމަށާއި، ޖޫރިމަނާ ނުދައްކާ ބައެއް ފަރާތްތަކުން އެ ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުން، އެ ފަރާތްތަކަކީ ރަށްރަށުގައި ކުދި ވިޔަފާރި ކުރާފަރާތްތަކެއްކަމާއި އެ ކުންފުނިތަކުގެ މާލީ ހާލަތު ހުރި ގޮތުން ޖޫރިމަނާ ދެއްކުމަށް ނުކުޅެދިފައިވާކަމާއި އިތުރު ފުރުސަތެއް ދިނުމަށް އެދޭ ވާހަކަ ބަޔާންކޮށް ހުށަހަޅާފައިވާކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
އަދި މީގެ ތެރެއިން ބައެއް ކުންފުނިތަކުން، ޖޫރިމަނާ މައާފުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
ކޮމިޝަނުން ބުނެފައިވަނީ، ސަރުކާރުގެ ބައެއް ވަޒީރުންގެ ފަރާތްޕުޅުންވެސް، މީގެ ތެރެއިން ބައެއް ކުންފުނިތަކުގެ ޖޫރިމަނާ މައާފުކުރެވޭނެ ގޮތެއް އޮތްތޯ ބަލައިދިނުމަށް އެދި ކޮމިޝަނާ ހަމައަށް މި މައްސަލަ ހުށަހަޅާފައިވާކަމަށެވެ.