ޚަބަރު

ރައީސްގެ އެސްޓޯނިއާ ދަތުރުފުޅު: ރައީސް ދެއްވީ ގުޅިގެން މަސައްކަތްކޮށް، އުންމީދުތައް ހާސިލުކުރެވޭނެކަމުގެ ޔަގީންކަން!

އެސްޓޯނިއާ އާއި ރާއްޖެ އެކުގައި މަސައްކަތްކޮށް، ކުރިމަގުގެ އުންމީދުތައް ހާސިލުކުރެވޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް، އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު މިރޭ ވަނީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކާރިސްގެ ދެއްވި ޖާފަތެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ޖާފަތުގައި ރައީސް ވަނީ ދެ ގައުމުން ވެސް ބޭނުންވާ ކުރިއެރުންތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައި ކަމަށެވެ.

"ރާއްޖެ-އެސްޓޯނިއާގެ ގުޅުމުގެ އާ ބާބެއް ފެށިގެންދާ އިރު، މިތިބީ ކުރިއަށްއޮތް ތަނުގައި ފުރުސަތުތަކާއި އުންމީދުތައް ހާސިލުކުރުމަށް. އަޅުގަނޑުމެން ދެ ގައުމު އެކުގައި ގުޅިގެން މަސައްކަތްކޮށް، ކުރިމަގުގެ އުންމީދުތައް ހާސިލުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަަމަ ދަތުރުފުޅުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމުން ވެސް ދެ ގައުމު ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ތިބިކަން ދައްކުވައިދޭ ކަމަށެވެ.

ރައީސް މުއިއްޒާއި ސަރުކާރުގެ ވަފުދެއް އެސްޓޯނިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކާރިސްގެ ދައުވަތަކަށެވެ. ރައީސް އެ ގައުމަށް ވަޑައިގަތުމާއެކު މަރުހަބާ ދެންނެވުމަށް ކަދްރިއޯގްގައި ހުންނަ ރިޔާސީ ގަނޑުވަރުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއްވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސް މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި އެ ގައުމުގެ އެކި ވަޒީރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ބައްދަލުކުރައްވަން ހަމަޖެހިފައިވާ މިނިސްޓަރުންނަކީ މިނިސްޓާ އޮފް އެޑިއުކޭޝަން އެންޑް ރީސާޗް ކްރިސްޓީނާ ކެލަސް، މިނިސްޓާ އޮފް ކްލައިމެޓް ޔޯކޯ އަލެންޑާ، މިނިސްޓާ އޮފް ހެލްތު ރީނާ ސިކުޓް، މިނިސްޓާ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލީސާ-ލީ ޕަކޮސްޓާ އަދި ސެކްރެޓަރީ ޖެނެރަލް އޮފް ފޮރިން އެފެއާޒް ޖޮނަތަން ސެވިއޮވްއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރައީސްގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރްޓޫއަށްވެސް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އެ ޒިޔާރަތުގައި ކްލިނިކަލް މެޑިސިންގެ ދާއިރާގައި މުޅި ދުނިޔޭގައިވެސް ހަވާލާދެވޭ ޔުނިވާސިޓީތަކާއި ސައިންޓިފިކް މުވައްސަސާތަކުގެ ތެރެއިން އެންމެ މަތީ ގިންތީގައި ހިމެނޭ ޔުނިވާސިޓީ އޮފް ޓާރްޓޫއަށް ޒިޔާރަތްކުރައްވައި އެ ޔުނިވާސިޓީގެ ދިރާސާތައް ބައްލަވާލައްވައި، އެސްޓޯނިއަން ޖީނޯމް ސެންޓަރާއި ގްރީނާޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި އީޖާދީ އުފެއްދުންތެރިކަމާއި އަދި ފަންނިއްޔާތުގެ ދާއިރާގައި އެސްޓޯނިއާ އިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް މަޝްވަރާ ކުރައްވާނެއެވެ. އަދި އެސްޓޯނިއާގެ ރައީސަށް ލަފާއަރުވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިންތިޒާމުކުރާ ރައުންޑް ޓޭބަލް ބައްދަލުވުމެއްގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެފައިވެއެވެ.