މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުއޮފިސަރުންނަށް 50 ހާސް ރުފިޔާ ދީގެން މަސްތުވާތަކެތި އެތެރެކުރާ މައްސަލައެއް ތަހުގީގު ކުރަން އަންގައިފި

އިބްރާހިމް ޒަކީ

ޖަލަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި ޖަލުގެ ބައެއް އޮފިސަރުންގެ ބައިވެރިވުން ހިމެނޭކަމަށާއި އެމީހުން އެކަން ކޮށްދެނީ 50،000 ރުފިޔާ ދިނުމުން ކަމަށްބުނާ މައްސަލައެެއްގެ ތަހުގީގު ހަތް ދުވަހުގެ ތެރޭގައި ފެށުމަށް ޖަލު ކޮމިޝަނުން ކަމާބެހޭ މުއައްސަސާތަކުގެ ކިބައިން އެދިއްޖެއެވެ.

ޖަލު ކޮމިޝަނުން މިއަދު އާއްމު ކުރި އޮޑިޓް ރިޕޯޓްގައި ފާހަ ކޮށްފައިވާ ޖަލާ ގުޅުންހުރި ކޮރަޕްޝަން މައްސަލަ ތަކުގެތެރެއިން އެކަން ފާހަގަ ކޮށްފައިވާއިރު، އައްސޭރި ޖަލުގައި ފެންޕުލާންޓު ހެދުމަށް ރައީސް ޔާމީނުގެ ސަރުކާރުން 32 މިލިއަން ރުފިޔާ ދިންކަމަށް އައްސޭރި ޖަލުގެ މުވައްޒަފު ބުނިކަމަށާއި އަދި މިހާރު އެ މުވައްޒަފު، ޖަލު ވަޒީފާއިން ކެނޑި މުސާރައިގެ ގޮތުގައި 50،000 ރުފިޔާ ލިބޭގޮތަށް އުޅެމުުން ގެންދަނީ، އެ ފެންޕުލާންޓުގެ ވަޒީފާގައި ކަމަށް ވާތީ އެމައްސަލަ ބެލުމަށްވެސް އެދިފައިވެއެވެ.

ކޮމިޝަނުން ފާހަކަ ކޮށްފައިވާ ކޮރަޕްޝަންގެ އެހެން މައްސަލަ ތަކުގެ ތެރޭގައި، ޖަލު މުވައްޒަފުން އަތުން ގައްޒާ ފަންޑަށް ފައިސާ ނަގައި އެ ފައިސާ ހަރަދު ކުރި ގޮތުގެ މައްސަލަ ފާހަގަ ކުރެވެއެވެ.

ރިޕޯޓްގައި ވަނީ، ފައިސާ ގައްޒާ ފަންޑާ ހަވާލުނުކުރެވުމުން، އެ ފައިސާ ކުޑަކުދިންގެ ހިޔާއަށް، ހަދިޔާކުރަށް މުވައްޒަފުން ގާތު އެހުމަށްފަހުވެސް އެ ފައިސާ ކުޑަކުދިންގެ ހިޔާއާ ހަވާލުކުރުމެއްނެތި ތަފާތު އެކި ކަހަލަ ބާ މުދާތަކެއް ހޯދައި އެތަކެތި ގުރައިދޫ މަރުކަޒަށް ފޮނުވާފައިވާ ކަމަށެވެ. އެއީ ވަރަށް ގިނަ އަދަދެއްގެ ފައިސާކަމުން، އެ މައްސަލަ އޭސީސީ އަށާއި ރައީސް އޮފީހަށާއި، އޮޑިޓަރ ޖެނެރަލް އޮފީހަށްވެސް ހުށަހަޅާފައިވާކަމާއި، ނަމަވެސް އެއްވެސް މުއައްސަސާއަކުން ޖަވާބެއް ލިބިފައިނުވާކަންވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

"ބައެއް މުވައްޒަފުން 2 ދުވަހުގެ މުސާރަ އާއި 15 ދުވަހުގެ މުސާރަ ދީފައިވާކަމަށާއި، މުވައްޒަފުންގެ މުސާރައިން މިކަމަށް ދީފައިވާ ފައިސާ، އަނބުރާ ހޯދުމަށް އެދުމުންވެސް ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހަޅާފައި ނުވުމުން، އަނބުރާ ނުލިބޭނެކަމަށް ފާހަގަކޮށްފައިވާކަމަށް ބުނެ ކޮމިޝަނަށް ޝަކުވާ ލިބިފައިވޭ،" ރިޕޯޓްގައި ކޮމިޝަނުން ބުނެފައިވެއެވެ.