ޚަބަރު

ރައީސް މުއިއްޒަށް އެސްޓޯނިއާގެ ރައީސް ރަސްމީކޮށް މަރުހަބާ ވިދާޅުވެއްޖެ

އީޝަލް އަހުމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެސްޓޯނިއާގެ ރައީސް އަލާރް ކާރިސް ރަސްމީކޮށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒާއި ސަރުކާރުގެ ވަފުދެއް އެސްޓޯނިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށެވެ. ރައީސް އެ ގައުމަށް ވަޑައިގަތުމާއެކު މަރުހަބާ ދެންނެވުމަށް ކަދްރިއޯގްގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި އެސްޓޯނިއާގެ ސިފައިން ވަނީ ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައެވެ. އެއަށްފަހު ރައީސް ޑރ މުއިއްޒާއި ރައީސް ޑރ ކާރިސް ވަނީ ގާޑް އޮފް އޮނާ ބައްލަވާލައްވައިފައެވެ. އަދި ދެ ގައުމުގެ އިއްޒަތްތެރިން ތައާރަފުވެފައިވެއެވެ.

ރައީސް އޮފީހުން ބުނީ، މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ދެ ރައީސުން ހަނދާނީ ފޮޓޯއެއް ނެންގެވި ކަމަށެވެ. އަދި ރިޔާސީ ގަނޑުވަރުގެ މެހެމާނުންގެ ފޮތުގައި ރައީސް މުއިއްޒު ސޮއިކުރެއްވި ކަމަށްވެސް ބުންޏެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުން ރައީސް މުއިއްޒު އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅުގެ މަގުސަދަކީ ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ވިޔަފާރީގެ އެއްބާރުލުން އިތުރުކުރުމަށާއި ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަ ސެކިއުރިޓީ، އީގަވަނަންސް އަދި މޫސުމާގުޅޭ މައްސަލަތަކުގެ އިތުރުން ތައުލީމީ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ހޯދުމެވެ.