ޚަބަރު

ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތަށް ސްޓެލްކޯގެ ޓާސްކްފޯސްއެއް

މުހައްމަދު އިކްޝާން އިހުސާން

މޫސުން ގޯސްވުމާ ގުޅިގެން، ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށްޓަކައި ސްޓެލްކޯއިން ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލައިފިއެވެ.

މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓުން ވަނީ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ލަފާކޮށްފައެވެ. އަދި 15 މޭލާއި 25 މޭލުގު ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށް ވެސް ލަފާކުރެއެވެ.

ސްޓެލްކޯއިން މިއަދު ބުނީ މޫސުން ގޯސްވުމާ ގުޅިގެން އެކުލަވާލި ޓާސްކްފޯސްއިން އެ ކުންފުނީގެ ހިދުމަތްދޭ ހުރިހާ ރަށެއްގައި ހަރަކާތްތެރިވާނެ ކަމަށެވެ.

ޓާސްކްފޯސްއިން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަމަކީ ކުންފުނީގެ ކުރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ އިތުރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޔުޓިލިޓީ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އަދި އެހެން ފަހަރުތަކާ އެއްގޮތަށް މިފަހަރު ވެސް ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ދެމިތިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.