މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އިޖުތިމާއީ މައްސަލަތައް ދެނެގަނެ އެކަން ހައްލުކުރުމާ ބެހޭ ގޮތުން ސޯޝަލް ކައުންސިލުން ކަމާބެހޭ ކުންފުނިތަކާއި އެކު މަޝްވަރާކޮށްފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި އެ މަޝްވަރާއަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސޯޝަލް ކައުންސިލްގެ ފަރާތުން ސިލްސިލާކޮށް ބޭއްވުމަށް ރާވާފައިވާ ހޭލުންތެރިކުރުމުގެ ކެމްޕެއިން ފެށުމާ ބެހޭގޮތުން ކަމާބެހޭ ކުންފުނިތަކުގެ ބޭފުޅުންނާ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ސޯޝަލް ކައުންސިލާއި ކުންފުނިތަކުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި މަގުމަތީގައި ހިނގާ އިޖުތިމާއީ މައްސަލަތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ކެމްޕޭނަށް ކުންފުނިތަކުން ފުރިހަމަ އެބާރުލުން ދެއްވަން ނިންމެވިކަމަށްޓަކައި ވަރަށް އުފާކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
އަދި އާންމުން ހޭލުންތެރިކުރުވައި، އެންމެން ފަރުދީ ޒިންމާ އަދާކުރާނަމަ މަގުމަތީގެ މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.