ޚަބަރު

ޒީނާޒު ވަކިކޮށް ޕީއެންސީގެ އެސްޖީއަކަށް މުއާޒު

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާންގެ ބަދަލުގައި އެ މަގާމަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން އަންނަ މުއާޒު ހަލީމު އައްޔަނުކޮށްފިއެވެ.

ޒީނާޒު ޕީއެންސީގެ އެސްޖީގެ މަގާމަށް އައްޔަނު ކުރީ މެއި 24، 2024 ގައެވެ.

ޒީނާޒަކީ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އަނބިކަނބަލުންނެވެ. އޭނާ ވަނީ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުވެސް މީގެ ކުރިން އަދާކުރައްވައިފައެވެ.

ޒީނާޒު ޕީއެންސީގެ އެސްޖީ ކަމުން ވަކިކުރި ސަބަބެއް ސާފެއް ނޫނެވެ.

ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރަން ޖެހޭނީ ޕާޓީގެ މެންބަރުންގެ މަޖިލީހުންނެވެ. އެ ޕާޓީގެ އިދާރީ ގޮތުން ހިންގަން ޖެހޭނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ.

ޕީއެންސީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ.