ޚަބަރު

ފިއްޓެ އަނބުރާ އެމްޑީޕީއަށް ބަދަލުކޮށްފިން: އިލެކްޝަންސް

އެމްޑީޕީއަށް ނިސްބަތްވާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަށް ނޭނގި އޭނާ ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލައިގައި، މެންބަރުކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އޭނާ އަލުން އެމްޑީޕީއަށް ބަދަލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިއަދު ބުނެފިއެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ "ވަން" އަށް މިއަދު ވިދާޅުވީ، ފިއްޓޭގެ މައްސަލަ ފެންމަތިވުމުން އީސީގެ ބައްދަލުވުމެއް ބާއްވާފައި އޭނާ ޕީއެންސީއަށް ވެއްދި ފޯމަކީ ސައްހަ ނޫން ފޯމެއްކަން ކަށަވަރުވީ ހިސާބުން އޭނާ އަލުން އެމްޑީޕީއަށް ވައްދާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކޮށްފައި ވުމާ އެކު، ފިއްޓެގެ ގޮނޑި ގެއްލިދާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، ޒަކަރިއްޔާ ވިދާޅުވީ އެފަދަ ހާލަތެއް ކުރިމަތި ނުވާ ކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ، މެންބަރަކަށް އެނގުމަކާ ނުލައި، އޭނާ އެހެން ޕާޓީއަކަށް ބަދަލުވެފައިވީ ނަމަވެސް އެެއީ ގޮނޑި ގެއްލޭނެ ހާލަތެއް ނޫން ކަމަށެވެ.

މި ކަމާ ގުޅިގެން "ވަން" އިން ފިއްޓެގެ ބަހެއް ހޯދުމަށް އޭނާއަށް ގުޅައި މެސެޖު ކުރުމުންވެސް ޖަވާބު ދެއްވާފައިނުވާތީ އޭނާގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.

މީގެ ކުރިން ވެސް ފިއްޓެއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރި މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު އޭނާގެ ނަން އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގަ އެވެ.

ފިއްޓެ، ޕީއެންސީއަށް ބަދަލުކުރި މައްސަލަ އެމްޑީޕީން ވަނީ ކުށްވެރިކޮށް އެ މައްސަލަ ތަހުގީގުކުރުމަށް ގޮވާލައިފައެވެ.