މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭއޮފް ބަންގާލުގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާ އުފެދި އިއްޔެ އިން ފެށިގެން އަންނަ ބުރާސްފަތު ދުވަހާ ހަމަޔަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާ ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ އިދާރާއިން މެޓް އޮފިހުން ލަފާކުރާ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގެތަކާއި ފިހާރަ، ގުދަން ފަދަ ތަންތަނުގެ ބޭރުގައި ފެން ނުވަންނަ ގޮތަށް ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމްޑީއެންއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓުން ވަނީ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ލަފާކޮށްފައެވެ. އަދި 15 މޭލާއި 25 މޭލުގު ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެއެވެ.