މާދަމާއިން ފެށިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ އިރުން ހުޅަނގު ދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެގޮތުން ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓުން އިތުރަށް ބުނީ ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
މެޓްގެ އޮފިޝަލަކު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ 15 މޭލާއި 25 މޭލުގު ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިޖެހޭނެ ކަމަށެވެ.
މޫސުން ގޯސްވާ ދުވަސްވަރު، ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ ސްކޫލު ބަންދުގެ ދުވަސްވަރު، މިމަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް މޫސުން ގޯހެވެ. އެގޮތުން މިމަހުގެ ތިންވަނަ ދުވަހު މާލެއަށް ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ ވެހި ވަނީ ފެންބޮޑުވެފައެވެ.