ޚަބަރު

މާލޭގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަންދުކޮށްފި

ފާތިމަތު ލިޔުޝާ

މާލޭގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަންދުކޮށްފިއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަންދު ކުރީ މިދިޔަ ހަފުތާގެ ދުވަހެއްގައެވެ.

ވިޔަފާރި ދަށްވެގެން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގެ ކޭއެފްސީ ހުންނަ ތަން ބަދަލުކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އެގޮތުން އެތަން ވެސް ވަނީ އޭރު ބަންދުކޮށްފައެވެ.

ހުޅުމާލޭ ކޭއެފްސީން މިދިޔަ ނޮވެމްބަރު މަހުގެ 23 ގައި "ވަން" އަށް ބުނެފައިވަނީ ހުޅުމާލޭގައި ކޭއެފްސީ ހުރިތަނުން ވިޔަފާރި ދަށްވުމުން ހުޅުމާލޭގެ ވިޔަފާރި ރަނގަޅު ހިސާބަކަށް ބަދަލުކުރުމަށް ނިންމި ކަމަށެވެ. ނަމަވެސް އެއީ ހުޅުމާލޭގެ ކޮން ހިސާބަކަށް ކަމެއް، އަދި އެކަމުގެ އިތުރު ތަފްސީލެއް ވެސް ދީފައެއް ނުވެއެވެ.

ކޭއެފްސީގެ އާއި ޕިއްޒާ ހަޓް ބަންދުކޮށްފައިވާ އިރު، ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ދެކޮޅު ހަދައި، އިޒްރޭލާ ގުޅުން އޮންނަ ވިޔަފާރިތައް ބޮއިކޮޓްކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަނީ ކެންޕޭނުތައް ފަށައިފައެވެ. އެ ވިޔަފާރިތަކުގެ ތެރޭގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް ވެސް ހިމެނެއެވެ.

ނަމަވެސް ކޭއެފްސީން ބުނެފައިވަނީ އެ ކުންފުނިން އިޒްރޭލަށް ތާއީދު ނުކުރާ ކަމަށެވެ. އަދި އެއީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެން ކުރާ ވިޔަފާރިއެއް ނޫން ކަމަށެވެ.

އެ ކަންމަކާ ގުޅިގެން މާލޭގައި ހުޅުވި ކޭއެފްސީ އައުޓްލެޓަށް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު 11 ގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ތަންތަނަށް ވަދެ ވަނީ ކަޅުތެޔޮ ޖަހައި، އެ ވިޔަފާރިތައް ރާއްޖޭގައި ހުއްޓާލުމަށް އިންޒާރުދީފައެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު ދެ ފަހަރެއްގެ މަތިން ތަޅާލާފައިވާ އިރު، އެތަނުގެ ބިއްލޫރިގަނޑު އެންމެ ފުރަތަމަ ތަޅާލީ މިދިޔަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. އޭގެ ހަތަރު ދުވަސްފަހުން ދެވަނަ ފަހަރަށް އެތަނުގެ ބިއްލޫރިގަނޑު ތަޅާލިއެވެ.

ކޭއެފްސީގެ އާއި ޕިއްޒާ ހަޓް ބަންދުކުރުމަށް ގޮވާލައި، އެކި ދުވަސްމަތިން ވަނީ އެތަންތަން ކުރިމަތީ ބައެއް މީހުން އިހުތިޖާޖު ވެސް ކޮށްފައެވެ.