އިބްރާހިމް ޒަކީ
އެލަވަންސް ވަޒީފާގެ ދަށުން ވަޒީވާ އަދާ ކުރާ ގައިދީންނަށް ދުވާލަކު 100 ރުފިޔާއަށްވުރެ މަދުނޫން އުޖޫރައެއް ހަމަޖައްސައި، ރަމަޟާން މަހުގެ އިނާޔަތް ދޭގޮތަށް، އެއްމަސް ދުވަހުގެ ތެރޭގައި ގަވާއިދުގައި ލާޒިމް ކުރުމަށް ޖަލު ކޮމިޓީން ހުށަހަޅައިފިއެވެ.
މިއަދު އާއްމު ކުރި އެ ކޮމިޓީގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 'އެލަވަންސް ވަޒީފާ' ގެ ނަމުގައި ގަދީން ލައްވާ ކޮންޓްރެކްޓް އުސޫލުން ބުރަ މަސައްކަތް ކުރުވާކަމާއި، އެ ވަޒީފާތަކުގައި ސިވިލް ސަރވިސްއާ އެއްވަރަށް ވަގުތު ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އެލަވަންސް ވަޒީފާގައި ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކު 900 ރުފިޔާ އާއި 3،000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ކަމަށެވެ.
މާފުށީ ޖަލުގައި މިހާރު ހިންގަމުން އަންނަ ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީންނާއި، ޝަރީއަތް ނިމެންދެއް ރިމާންޑު ބަންދަށް ބަންދުކޮށްފައި ތިބޭ މީހުންނަށް ބައިވެރިވެވޭ ގޮތަށް މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ޕްރޮގްރާމް ބަދަލުކުރުމަށްވެެސް ކޮމިޝަނުން ވަނީ އަންގައިފައެވެ.
މީގެ އިތުރުން ޖަލުގައި ހިންގާ ރީހެބިލިޓޭޝަން ޕްރޮގްރާމުން ބާކީ ވެފައިތިބި ބަޔަކަށް ވުމުން، މަރުގެ ހުކުމް ކޮށްފައިތިބި މީހުންނަށް ނަފްސާނީގޮތުން ނޭދެވޭ އަސަރުތަކެއް ކުރާނެކަން ފާހަގަކުރެވޭތީ، 1 މަސް ދުވަހުގެ ތެރޭގައި އެމީހުންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ގޮތަށް އުސޫލެއް ކަނޑައަޅައި އަމަލުކުރަން ފެށުމަށްވެސް ކޮމިޝަނުން ވަނީ ރިޕޯޓްގައި އަންގައިފައެވެ.