''ކަނޑުފަޅުގެ ނަފާ''ގެ ނަމުގައި މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމްކުރުމަށް ދޫކުރާލޯނަށް އެދުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.
ފިޝަރީޒު މިނިސްޓްރީން ބުނީ މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމްކުރުމަށް ލޯނަށް އެދުމަށް ހުޅުވައިލި މުއްދަތު މިމަހުގެ 26 ގެ ނިޔަލަށް ހަމަވެފައިވާތީ އެމުއްދަތު މިއަދުން ފެށިގެން ޖޫންމަހުގެ 25 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.
ފިޝަރީޒުން ބުނިގޮތުގައި، މިލޯނުގެ މަގުސަދަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހާރު ގާއިމްކޮށްފައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންކުރާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް، ބޭނޭ މަސް ގިނަވަގުތު ދޯނީގައި ތާޒާކަންމަތީ ރައްކާކޮށް، އަދި ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެދިނުމެވެ.
މި ލޯނުން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ތިން މިލިއަން އަށްޑިހަ ހަތަރު ހާސް ރުފިޔާއެވެ.
މި ލޯނަށް އެދޭ ފޯމާއި ލޯނަށް އެދޭ އުސޫލު ސަރުކާރުގެ ރަސްމީ ގަޑީގައި ފިޝަރީޒް މިނިސްޓްރީއާއި، ސްމޯލް އެންޑް މީޑިއަމް އެންޓާޕްރައިސަސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން އަދި އެސް.ޑީ.އެފް.ސީ ގެވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފިޝަރީޒުން ބުނެފައިވެއެވެ.