ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) އަހްމަދު ބުންޔާމީން މެލޭޝިއާއަށް ވަޑައިގެންފިއެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ބުންޔާމީން މެލޭޝިއާއަށް ވަޑައިގެންފައިވަނީ އެއާ އޭޝިއާ ފްލައިޓުން ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ބުންޔާމީން މެލޭޝިއާއަށް ވަޑައިގެންނެވީ ދެކޮޅު ޓިކެޓް ނަންގަވައިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރިޓާން ޓިކެޓް ނަންގަވާފައިވަނީ އަންނަ އަހަރުގެ ދުވަހެއްގައި އެނބުރި ރާއްޖެ ވަޑައިގަންނަވާ ގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހިމެނޭ ބުންޔާމީން ރާއްޖޭން ބޭރަށް ވަޑައިގެންފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނާއި ފުލުހުން އެޗްޑީސީގެ މައްސަލަތަކެއް ބަލަމުން ދަނިކޮށެވެ.
ބުންޔާމީނަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު)ގެ ދަރިކަލެކެވެ.