މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ޖަލުތަކުގެ އޮޑިޓް ރިޕޯޓް އާއްމުކޮށްފި

އިބްރާހިމް ޒަކީ

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް މިއަދު އާއްމުކޮށްފިއެވެ.

ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލެއްވި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ނެރެދެއްވާފައި ވިނަމަވެސް މިއަދު ރިޕޯޓް އާއްމުކޮށްފައި މިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ވެބްސައިޓްގައެވެ.

ޖަލުތަކުގައި ހުރި މައްސަލަތަކާއި، ހޯދުނު ހޯދުންތައް ތަފްސީލްކޮށް މި ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ގާނޫނަށް ބަދަލުގެނެސްފައި ވީނަމަވެސް ކުރީގެ ހަރުކަށި ގާނޫނޫ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބައިތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަން ފާހަގަކޮށްފައިވެއެވެ.

ޖަލުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މީހުން ބައިތިއްބާފައިވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ މާލެ ޖަލާއި، މާފުށި ޖަލުގައެވެ.

ގާނޫނާއި ގަވާއިދުތަކާ ހިލާފު މައްސަލަތަކާއި، އާއްމު މައްސަލަތަކާއި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަތަކާއި، އަނިޔާގެ އަމަލުތައް ހިންގުމުގެ މައްސަލަތައްވެސް ރިޕޯޓްގައި ހިމަނާފައިވެއެވެ.

ހޯމް މިނިސްޓްރީން ބުނީ މި ރިޕޯޓް މިއަދު އާއްމުކުރީ މީހުންގެ ޒާތީ މައުލޫމާތާއި، ސަލާމަތާ ގުޅުންހުރި މައުލޫމާތުތައް އުނިކުރުމަށްފަހު ކަމަށެވެ. އަދި ރިޕޯޓް މިހާރު ވަނީ ކަމާ ގުޅުންހުރި ދާއިރާ ތަކާ ހިއްސާ ކޮށްފައި ކަމަށް ބުނެފައިވެ އެވެ. އަދި ރިޕޯޓްގައި ފާހަގަކުރައްވާފައި ހުރި ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައި ކަމަށް ހޯމް މިނިސްޓްރީިން ބުނެފައިވެއެވެ.