އިބްރާހިމް ޒަކީ
ރާއްްޖޭގެ ޖަލުތަކުގައި މިވަގުތު ބަންދުކޮށްފައިވާ މީހުންގެ އަދަދު 1500 އާ ގާތްކުރާ ކަމަށާއި، އޭގެ ތެެރެއިން ކޮންމެ ގައިދީއަކަށް މަހަކު ފަނަރަހާސްރުފިޔާއާ ގާތްކުރާ އަދަދެއް ހަރަދު ކުރާކަމަށް، ދިވެހި ޖަލުތަކުގެ ކަންތައްތަން ބެލުމަށް އެކުލަވާލައިފައިވާ "ކޮމިޝަން ފޮރ ޕްރިޒަންސް" އިން ބުނެފިއެވެ.
އެ ކޮމިޝަނުން ޖަލުތަކުުގެ ކަންތައްތައް ބެލުމަށްފަހު މިއަދު ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ބަންދުކޮށްފައި ތިބި މީހުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ އެތައް ހިދުމަތްތަކެއް ފޯރުކޮށްދެމުން ނުދާއިރު، ގައިދީންނަށް ހަރަދުކުރާ ފައިސާގެ އަދަދަކީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
އަދި މިއީ ދައުލަތަށް ކެރިކުޅަދާނަވެގެންވާ އަދަދެއް ނޫންކަން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ފާހަގަކޮށްފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
ކޮމިޝަނުން ބުނީ މި އޯޑިޓްގައި އެންމެ މުހިއްމުކަމެއް ދީގެން ބެލި އެއްކަމަކީ ޖަލުތަކުގެ އާބާދީ މަދުކުރެވޭނެ ގޮތްތައް ހޯދުން ކަމަށެވެ. އަދި ޖަލުގެ އާބާދީ އިތުރުވެ، ތޮއްޖެހެން ދިމާވެފައިވާ ސަބަބުތައް ހޯދުމަށް ކުރި މަސައްކަތްތަކުން، 3 ކަމެއް ފާހަގަކުރެވިފައިވާކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
"އެއީ (1) ޖަލުތަކުގައި 3 ބައިކުޅަ 2 ބަޔަށް ވުރެ އިތުރުން ބަންދުކޮށްފައި ތިބީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައިގައި ބަންދުކޮށްފައި ތިބި މީހުންކަމާއި އެފަދަ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި ގިނައީ ޒުވާނުންކަމާއި، (2) މަސްތުވާތަކެތީގެ ގާނޫނަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ކުރީގެ ހަރުކަށި ގާނޫނުގެ ދަށުން ކުށެއް ކޮށްގެން 25 އަހަރަށް ޖަލަށް ލާފައި އަދިވެސް މީހުން ތިބުމާއި، ހަމަ އެކުށް ކޮށްގެން މިހާރުގެ ލުއި ގާނޫނުގެ ދަށުން ބަންދުކުރަނީ އެއަށްވުރެ ކުރު މުއްދަތަކަށް ކަމަށް ކަނޑައެޅިގެން އައިސްފައިވާއިރު، ކުރީގެ ގާނޫނުގެ ދަށުން ހުކުމްކޮށްފައިވާ އެތަކެއް މީހުން ޖަލުގައި ދިގު މުއްދަތައް ބައިތިއްބާފައިވާ ކަމާއި، އަދި (3) އެކި ބާވަތުގެ މައްސަލަތަކުގައި ވަކި މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައި ގިނަ އަދަދަކަށް ދިވެހިންނާއި ބިދޭސީން ރިމާންޑް ބަންދުގައި ތިބިކަމާއި، މީގެ ތެރޭގައި ތިބި އެތަކެއް ބިދޭސީން، ޝަރީއަތް ނުނިމި 1 އަހަރަށްވުރެ ދިގު މުއްދަތެއް ޖަލުގައި ހޭދަކުރަމުންދާކަމާއި، އަދި ޖަލުތަކުގައި ތިބި ބިދޭސީންނަކީ ނިޒާމުން "ހަނދާން ނައްތާލެވިފައި" ވާ ބައެއްގެ ގޮތުގައި ތިބި ތިބުމެވެ." ކޮމިޝަނުން ބުނެފައިވެއެވެ.