ޚަބަރު

މަޝްއަރު ގުރޫޕުގެ ވެެރިންނަށް ދައުވާކުރަން ފޮނުވައިފި

މުހައްމަދު އިޝާން

މަޝްއަރު ޓުއާސްގެ ނަމުގައި ރަޖިސްޓްރީނުކޮށް ހިންގާ ގުރޫޕެއްގެ ހަވާލުގައި މިދިޔަ އަހަރުގެ ރޯދަ ރޯދަ މަހު އުމްރާއަށް ދިޔަ ދިވެހިންތަކަކަށް ނުފުރި މައްކާގައި ތާށިވި މައްސަލައިގައި އެ ގްރޫޕުގެ ވެރިންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް، ފުލުހުން ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ 2024 އެޕްރީލް 13 ވަނަ ދުވަހު މަޝްއަރު ޓުއާސްއިން ހައްޖު ވެރިންތަކެއް ހައްޖަށް ފޮނުވަން ކަމަށް ބުނެ ފޮނުވި ޗެކްތަކެއް ބައުންސްވި މައްސަލައެއް އެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2024 ޑިސެމްބަރު 2 ގައި ކަމަށް ފުލުހުން ބުންޏެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ ފުލުހުން ފޮނުވި މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައި ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި ދައުވާކުރުމާ މެދު އަދި ގޮތެއް ނިންމައިފައިނުވާ ކަމަށެވެ.

"މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސިކިއުޝަންގައި، އަދި ގޮތެއް ނުނިންމާ މައްސަލައާ މެދު،" ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ ފުލުހުން ފޮނުވާފައިވަނީ އެކެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ކަމަށެވެ. އެ ފަރާތާ ގުޅޭ މައުލޫމާތެއް ޝަފީއު ނުދެއްވައެވެ.

މަޝްއަރު ޓުއާސްގެ ވެރިޔާ އަލީ ފާރިޝްގެ އެފަދަ މައްސަލައެއް 2023 ވަނަ އަހަރު ވެސް ފެންމަތިވިއެވެ. އެ ފަހަރު އެ ގުރޫޕުން މީހުން އުމްރާއަށް ގެންދިޔައީ މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ނަމުގައެވެ. އެއީ 138 މީހުންނެވެ. ނަމަވެސް އެ މީހުންގެ ޓިކެޓަށްވާ ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުސްވުމުން އުމްރާވެރިން މައްކާގައި ތާށިވި މައްސަލާގައި އެ ގްރޫޕްގެ ހުއްދަ މިނިސްޓްރީން ބާތިލް ކުރިއެވެ.

އެހެންވެ، މިދިޔަ އަހަރު އަލީ ފާރިޝް މީހުން އުމްރާއަށް ގެންދިޔައީ މަޝްއަރު ޓުއާސްގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހަދައިގެންނެވެ. އެ ގުރޫޕުގެ ހަވާލުގައި 50 އެއްހާ މީހުން މިދިޔަ އަހަރުގެ ރޯދަމަހު އުމްރާއަށް ދިޔައިރު، އެއީ ރަޖިސްޓަރީ ކޮށްފައިވާ ޓްރެވަލް އެޖެންސީއެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

މަޝްއަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް ނުފުރި މައްކާގައި ތާށިވި އިރު، އެ އެޖެންސީއަށް މި ފަހަރު ޓިކެޓް ވިއްކި އޭޖެންޓް އޭސް ޓްރެވަލްސް އިން ވަނީ ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުން ރިޓާން ޓިކެޓުތައް މިދިޔަ މަހު ފަހުކޮޅުގައި ކެންސަލްކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 17 ގައި ވަކި ގުރޫޕެއްގެ ނަން ފާހަގަނުކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެއިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާއި ހިލާފަށް މީހުން އަތުން ލާރި ނަގައި އެ އަށް އިހުމާލުވަމުން ދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށެވެ.

އެ މައްސަލައިގައި މަޝްއަރު ޓުއާސްއާއި އިސްލާމިކް މިނިސްޓްރީއާ ދެމެދުގައި މުއާމަލާތް ކުރުމަށްފަހު އެ އެޖެންސީގެ ހަރަދުގައި އެ މީހުން ރާއްޖެ ގެނައީ އެ މީހުން ރާއްޖެ އަންނަން އޮތް ތާރީހަށް ވުރެ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެ މުއްދަތުގައި އެ މީހުން މައްކާގައި ތިބުމުގެ ހުރިހާ ހަރަދެއް ހަމަޖައްސާފައިވަނީ ހައްޖުވެރިންގެ އަމިއްލަ ހަރަދުގައެވެ.