ޚަބަރު

ރައީސްގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 6 ގައި

އިބްރާހިމް ޒަކީ

‎ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބުރުއަރީ ހައެއްްވާ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބާއްވާ މިއަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ ހައެއްގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ނިންމަވާފައިވާ ކަމަށެވެ.

ޖަލްސާ އޮންނާނީ އެެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

އެހެންކަމުން މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވަވާ ރިޔާސީ ބަޔާން އެދުވަހުގެ ޖަލްސާގައި އިއްވަވާނެއެވެ.

މި ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމާ ބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސް ރައީސް އެ ޖަލްސާ ނިންމަވައިލައްވާނެއެވެ.

ރައްޔިތުންގެ މަޖިލިސްގެ ގަވާއިދު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާނަށް، އެވަގުތު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަންވާނެއެވެ.

ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ތައްޔާރުކޮށް މަޖިލިސް ޖަލްސާއެއްގައި އިއްވަންވާނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ.

މިދިޔަ އަހަރުގެ ފަހު ދައުރުގެ މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައެވެ.