ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. ނަމަވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ.
ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ގިތެޔޮ ބޯކިބަލަކީވެސް ދިވެހިންގެ ތެރޭގައި އަބަދުވެސް ހާއްސަ ބާވަތެކެވެ.
ބޭނުންވާތަކެތި:
2 ސަމުސާ ގިތެޔޮ
2 ޖޯޑު ހަނޑުލުފުށް (ހިމުންކޮށް ފުނޑާފައި)
2 ޖޯޑު ހަކުރު
2 ޖޯޑު ކާށި ކިރު
2 ފިޔާ
1/2 ޖޯޑު ކަނަމަދު (ދެފަޅިކޮށްފައި)
2 އިންޗި ފޮނިތޮށި
3 ކާފޫރުތޮޅި
1/2 ޖޯޑު މާފެން
6 ރާނބާފަތް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ރާނބާފަތްކޮޅު އިންޗިއަކަށްވުރެ ކުޑަ ނުވާވަރަށް ބުރިބުރިކޮށްފައި ކުލަ އަންނަންދެން ފެނުގައި ކައްކާށެވެ. އެއަށްފަހު ގިތެޔޮކޮޅުގައި ފިޔާކޮޅު ވަޅޯކޮށްލާށެވެ. އަދި ފޮނިތޮށި ކާފޫރުތޮޅި ހިމުންކޮށް މުގުރާފައި ބަހައްޓާށެވެ. ހަނޑޫފުށް، ހަކުރު، ކިރު، މާފެން، ރާނބާފަތުފެން ތެއްޔަކަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަަހު ތެއްޔަކަށް އަޅައި ދޭފަތުން ހަލަމުން މަޑުގިނީގައި ކައްކާށެވެ. އޮލަވާން ފެށުމުން، ރަތްކުރި ފިޔާ، ފޮނިތޮށި ކާފޫރުތޮޅި ކަނަމަދު، މިހުރިހާ އެއްޗެއްގެ ދެބައިކުޅަ އެއްބައި އަޅައި ފުށްގަނޑު ރޯފިލުމުން އުންދުން މަތިން ބާލާށެވެ. ޓްރޭއެއްގައި ގިތެޔޮ ހޭކުމަށްފަހު ކެއްކި ފުށްގަނޑު ޓްރޭއަށް އަޅާށެވެ. އަދި ބާކީހުރި ފޮނިތޮށި ކާފޫރު ތޮޅި މައްޗައް ބުރުވާލާށެވެ. އަދި ބާކީހުރި ފިޔާ އަދި ކަނަމަދު ވެސް ފުށްގަނޑުގެ މައްޗަށް ބުރުވައިލުމަށްފަހު އަވަނުން ފިހެލާށެވެ.