ޚަބަރު

މިއީ ވިއްސާރައިގައި މާލެއަށް އެންމެ ބޮޑު ގެއްލުމެއްވި ފަހަރު، ލިބުނު ގެއްލުން 2.2 މިލިއަނަށް އަރާ: އެމްޑީއެންއޭ

ފާތިމަތު ލިޔުޝާ

މިމަހުގެ ތިންވަނަ ދުވަހުން ހަތަރުވަނަ ދުވާހާ ހަމައަށް ކުރި ވިއްސާރައިގައި ގެތަކަށް ލިބުނު ގެއްލުމުގެ އަދަދު 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނެޖުމަންޓު (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން ރިލީފްގެ ގޮތުގައި ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމަށް ދެ ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ފެންބޮޑުވުމުގެ އޮޕަރޭޝަންތަކަށް 61،500 ރުފިޔާ ހަރަދުވި ކަމަށާއި ވިއްސާރާއިގެ ސަބަބުން މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ ޖުމުލަ އަދަދު 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މިމަހުގެ ތިންވަނަ ދުވަހުން ހަތަރުވަނަ ދުވާހާ ހަމައަށް 161.9 މިލިލީޓަރުގެ ވާރޭ ވެހުނެއެވެ. އެއީ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ބޯކޮށް ވާރޭވެހުނު ފުރަތަމަ ފަހަރެވެ. އަދި މިމަހުގެ ތިން ވަނަ ދުވަހުގެ މާލެއަށް 15:00 އިން 18:00 އަށް 109.8 މިލިލީޓަރުގެ ވާރޭ ވެހުނެވެ. އެއީ ތިން ގަޑިއިރު ތެރޭ މާލެއަށް މިހާ ބޯކޮށް ވާރޭވެހުމުގެ ވެސް ރެކޯޑެކެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 740 އަށްވުރެ ގިނަ ތަންތަނުން ރިޕޯޓުކުރި ކަމަށާއި އޭގެތެރޭގައި ސްކޫލުތަކާއި ގޭގެ އާއި އެކިއެކި ވިޔަފާރިތަކާއި ގުދަންތައް ހިމެނޭ ކަމަށް އެމްޑީއެންއޭއިން ބުންޏެވެ.

އެންޑީއޭއިންއިން ބުނީ ފެން ބޮޑުވުމާ ގުޅިގެން މާލެއިން 145 ގެއަކަށް ގެއްލުންވި ކަމަށެވެ. އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް ހަދައިފައިވާ ކަމަށާއި އެކަމަކު 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާތީ އެ ގެތަކުގެ އެސެސްމަންޓެއް ނުހަދާ ކަމަށެވެ. އަދި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހަދައި އާންމު ދިރިއުޅުމަށް ދަތިވާ 27 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދެ ދުވަހަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

"މިއީ މާލެއަށް ބޯކޮށް ވާރޭ ވެހިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން އަދި އެންމެ ބޮޑު ގެއްލުމެއްވެ، އެންމެ ގިނައިން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރަންޖެހުނު ފަހަރު،" އެންޑީއެމްއޭ އިން ބުންޏެވެ.

އަތޮޅުގެ ރަށްތަކުގެ ތެރެއިން ހަތަރު ރަށެއްގެ 73 ގެޔަކަށް އެކިވަރުގެ ގެއްލުން ލިބިގެން އެ އޮތޯރިޓީއަށް އެސެސްމަންޓް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެއީ އދ. މާމިގިލި/ ތިން ފޯމު، މީދޫ/ 43 ފޯމު، ފ. މަގޫގޫ/ ފަސް ފޯމް، އަދި ފ. ނިލަންދޫއިން 22 ފޯމެވެ.

އަތޮޅުގެ ތެރޭގެ ރަށްތަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން އަށް ލައްކަ ރުފިޔާއަށް އަރާ ކަމަށާއި އޭގެތެރޭގައި ދަނޑު ބިންތަކާއި އެކިއެކި ވިޔަފާރިތަކާއި ގުދަންފަދަ ތަންތަން ނުހިމެނޭ ކަމަށް އެމްޑީއޭއިން ބުންޏެވެ.

އުދައަރައިގެން ރ. އިނގުރައިދޫ އަދި ނ. ނަރުދޫއިން ރިޕޯޓުކޮށްފައިވެއެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ފ. ނިލަންދޫ، ދ. ކުޑަހުވަދޫ ، ދ. މީދޫ، ފ. މަގޫދޫ، އދ. މާމިގިލި، ކ. ގުރައިދޫ، ފ. ފީއަލި އަދި ކ. ހިންމަފުށި ރިޕޯޓު ކޮށްފައިވާ ކަމަސް ވެސް ބުންޏެވެ.