ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަންގާރަ ދުވަހު ފެއްޓެވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ވަޑައިގަންނަވައިފައެވެ.
އެގޮތުން ހުވަދުއަތޮޅު ދެކުނުބުރިން ރައީސް ވަޑައިގެންފައިވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދޫއަށެވެ. އަދި ހުވަދުއަތޮޅު އުތުރުބުރީން އެ މަނިކުފާނު ވަޑައިގެންފައިވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ ގދ. ހޯނޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް އިފްތިތާހުކޮށްދެއްވައިފައެވެ. އަދި އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ރައްޔިތުންނާ ބައްދަލުކުރައްވާފައިވެއެވެ.
ރައީސްގެ ހުވަދޫ ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފައްޓަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.