ޚަބަރު

އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކު ރާއްޖެ ނާދެވި ތާށިވުމުން ސަރުކާރުން އެހީވަނީ

އަލްހިޖުރަ ނަމަކަށް ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކު އަނބުރާ ރާއްޖެ ނާދެވި ތާށިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 24 މީހަކު އަނބުރާ ރާއްޖެ ނާދެވި ސައުދީ އަރަބިއާގެ މައްކާގައި ތާށިވީ، ރިޓާން ޓިކެޓު ގަންނަން ހުރި ފައިސާ އެ ގުރޫޕުން އެހެން ކަންކަމަށް ބޭނުންކުރުމުން ޓިކެޓު ނުނެގިގެންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ތާށިވި އުމްރާވެރިންނާ ގުޅައި ވާހަކަ ދައްކައި ހާލަތު ބައްލަވާފައިވާ ކަމަށެވެ.

އެގޮތުން މައްކާގައި ތިބި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ އިރުޝާދު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލަށް ދެއްވާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ އަޅުގަނޑުމެން ނުތިބޭނަން. ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް. ދިމާވާ ކަންކަން ހައްލުކުރުމަށް،" ޝަހީމް ވިދާޅުވިއެވެ.