ޚަބަރު

ކޮންމެ ކަމެއްގައިވެސް ރައީސް ސޯލިހާ މަޝްވަރާކޮށް ބަހުސްކުރަން: ނަޝީދު

މަރިޔަމް ޝަހުދާ

1

ކޮންމެ ކަމެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާކޮށް ބަހުސް ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްއަށް ނަން ހުށަހަޅުއްވާނެ ބޭފުޅުން ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލުމަށް ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުން ހޮވިވަޑައިގެނެވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ހުރިހާ ކަމެއްގައި އަބަދުވެސް ރައީސް ސޯލިހާ މަޝްވަރާކޮށް ބަހުސް ކުރައްވައި، ކަންކަމާއި ވާހަކަފުޅު ދައްކަވާ ކަމަށެވެ. އަދި ދެމީހުންގެ އެކުވެރިކަމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވުމަކީ ކުރިން ވިސްނާފައި އޮތް ވިސްނުމެއް ނޫން ކަމަށެވެ. އަދި މިއީ ކުރިއަށް ދިއުމަށް ވިސްނަވާފައިވާ ގޮތެއްވެސް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމަށް އަމިއްލަ ނަންފުޅު ހުށަހަޅަން ނިންމީ ޕާޓީއަށް ދިމާވެފައިވާ ދަތި މަގާ މެދު ވިސްނެވުމަށްފަހު ކަމަށެވެ. އަދި މިއީ ޕާޓީގެ މެމްބަރުންގެ އެދިލެއްވުމުގެ މަތިން ނިންމެވި ނިންމެވުމެއްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި 19 ވަނަ މަޖިލީހަކީ ތަފާތު މަޖިލީހަކަށް ވާނެ ކަމަށާއި މަޖިލިސް ހިނގާނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްގެ މަގާމަށް ނަޝީދުގެ ނަން ހުށަހެޅުމަށް ނިންމެވުމާއެކު ނަޝީދު އެ ނިންމެވުން ނިންމާފައިވަނީ ފޯނުކޯލެއް ކުރެއްވުމަށްފަހުއެވެ. މި ފޯނު ކޯލަކީ ރައީސް ސޯލިހުއަށް ނަޝީދު ކުރެއްވި ފޯނު ކޯލެއް ކަމަށް ލަފާކުރެވެއެވެ. ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ މި ނިންމުމަކީ ރައީސްގެ ލަފާގެ މަތީން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟