ދަރުބާރުގޭގައި މިރޭ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމަށް ބޭފުޅަކު ހޮއްވެވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ މަގާމަށް ކެމްޕެއިން ކުރެއްވި ދެބޭފުޅުން ފަހަތަށް ޖެހިވަޑައިގަނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ހުށަހެޅައި މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ނެރޭ މެމްބަރަކަށް އެމަނިކުފާނު ހޮވުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފޭސްބުކް ޕޯސްޓެއް ކުރައްވައިފިއެވެ.
މެޑަމް ފަޒްނާގެ ފޭސްބުކް އެކައުންޓުގައި އެވަގުތު ''ވަޓް އަ ސާކަސް'' ޖަހާ ޕޯސްޓެއް ވަނީ ކުރައްވައިފައެވެ. ބެލެވޭގޮތުގައި މެޑަމްގެ މި ޕޯސްޓް އަމާޒުކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާމެދު ޕާޓީއިން ދެބައިވެފައި ވަނިކޮށް މިފަދަ ނިންމުމެއް ކުއްލިއަކަށް ނިންމުމުންނެވެ.
ސޯޝަލް މީޑިއާގެ އިތުރުން މިރޭ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު އެމްޑީޕީ ސަޕޯޓަރުންވެސް ވަނީ މި މައްސަލައާ ހުރެ ނުރުހުން ފާޅުކޮށްފައެވެ. އަދި ގިނަ ބަޔަކު ވަނީ މަޖިލީހުގެ ރައީސަށް ގެންނާނެ ބޭފުޅަކާ މެދު ރައީސް ސޯލިހާއި ރައީސް ނަޝީދު ހިޔާލު ތަފާތުވުމުން އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށްވެސް ގޮވާލައިފައެވެ.
މިރޭ އެމްޑީޕީގެ އިންތިހާބީ މެމްބަރުން، ނަޝީދުގެ ނަން މަޖިލީހުގެ ރައީސްގެ މަގާމަށް ހުށަހެޅުމަށް ނިންމާފައިވަނީ އެމްޑީޕީ ޕީޖީގެ 64 މެމްބަރުންގެ އިއްތިފާގާއެކު އެވެ.