ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުގެ ފައިބާ ބްރޯޑް ބްރޭންޑްގެ ހިދުމަތް ދީފިއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްރަކްޗާ ހަރުދަނާކޮށް، ދިރާގު ހިދުމަތްތައް އެއް ފެންވަރެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ވަރަށް ފުރިހަމަކަމާ އެކު ނިމިފައިވާ ކަމަށެވެ.
"މިގޮތުން ޑިޖިޓަލް ރާއްޖެއަކަށް މުޅިގައުމު ވާސިލުކޮށްދިނުމަށް ދިރާގުން ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަޝްރޫއު ކަމުގައިވާ ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގުގެ ހައިސްޕީޑު ފައިބާ ބްރޯޑު ބްރޭންޑުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ނިމުނީ. މީގެ ސަބަބުން މިއަދު ރާއްޖޭގެ 100 ޕަސެންޓު ގޭބިސީއަށް ދިރާގު ހައިސްޕީޑް ފައިބާ ބްރޯޑް ބްރޭންޑުގެ ހިދުމަތް ވަނީ ފަހިވެފައި،" ރަޝީދު ވިދާޅުވިއެވެ.
ފައިބާ ބްރޯޑް ބްރޭންޑުގެ ހިދުމަތަކީ ގައުމެއްގެ އިޖުތިމާއީ އަދި ތަރައްގީގެ ކުރިއެރުމަށް އިތުރު ހަލުވިކަމެއް ގެނެސްދޭނެ ވަސީލަތެއް ކަމަށާއި ދުނިޔޭގެ ގައުމުތަކުގައި ތަރައްގީގެ ޕްލޭނުތަކުގައި ބްރޯޑް ބްރޭންޑު ފުޅާކުރުން މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައި އޮތުމަކީ މީގެ ވަރަށް ބޮޑު ހެއްކެއް ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.
"ކޮންމެ ރަށަކަށް އަޅުގަނޑުމެންގެ ހިދުމަތްތައް ދިނުމާއެކު ގިނަ ކަސްޓަމަރުންތަކެއް އަޅުގަނޑުމެންގެ ހިދުމަތާ ގުޅިވަޑައިގަންނަވާކަން އެއީ، މިހިދުމަތް ހުރިހާ ރަށަކުންވެސް ބޭނުންވެފައިވާ މިންވަރު ވަރަށް ބޮޑަށް ފާހަގަވެގެންދާ ކަމެއް،" ސީއީއޯ ރަޝީދު ވިދާޅުވިއެވެ.
ސިއީއޯ އިތުރަށް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުގެ ހުރިހާ ހިދުމަތެއް ދޭން ބޭނުންވި ނަމަވެސް އެ މަސައްކަތް ފުރިހަމައަށް ކުރުމަށް އިތުރު ވަގުތު ނަގާނެ ކަމަށެވެ.
"އެކަމަކު އެއީ ވަރަށް ގިނަ މަސައްކަތްތަކެއް. ހަމައެކަނި ރަށުގައި އަޅާ ނެޓްވޯކު ރާއްޖެއާ ހަމަޔަށް ގެނައުން އެއީ އެއްކަންތައް. އަނެއް ކަމަކީ މާލެ އާއި އެއްރަށާއި އަނެއްރަށާ ގުޅާލުން. އެއީ ސަބްމެރިން ކޭބަލް ނެޓްވޯކު އެ އަޅާއިގެން އެތައް އަހަރުތަކެއް ކުރިން ކުރި މަަސައްކަތެއް. ދެން އެއާ އެއްކޮށް ރަށުގައި ހަދާ ނެޓްވޯކު، ބޭރުގެ އެހެން ގައުމުތަކަށް އަޅަންޖެހޭ ކޭބަލްތައް އަދި އެގޭ ކެޕޭސިޓީ ފުޅާކުރުން އަދި ހަމަ އެއާއެކު ޑިސްޓްރިބިއުޓް ކުރަންބޭނުންވާ ފުލް ނެޓްވޯކު އަޕްޑޭޓުކުރުން،" ރަޝީދު ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ހިދުމަތްފުޅާކުރެވުމަކީ އިންޓަނެޓް ހިދުމަތުގެ ފެންވަރު މަތިކޮށް އަތްފޯރާ ފަށުގައި އިންޓަނެޓުގެ ހިދުމަތް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކުރައްވާ މަސައްކަތަށް ލިބުނު ކުރިއެރުމެއްގެ ގޮތަށް އިސްމާއިލް ސިފަކުރެއްވި އެވެ. އަދި އެ ކުންފުނިން ސަރުކާރުގެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޑިޖިޓަލް ރާއްޖެއަކަށް ވާސިލުވުމުގެ މަސައްކަތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެރުވިއެވެ.