ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލީހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ނެރޭ ނަޝީދާއި އީވާއަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމަށް އެމްޑީޕީން ނެރެން ނިންމި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި އެމްޑީޕީގެ އިންތިހާބީ މަޖިލިސް މެމްބަރުންގެ މެދުގައި ނެގި ވޯޓަކުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް އެމްޑީޕީން ހުށަހަޅާ މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު ނަޝީދާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާއަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވީ އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓަކުންނެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަޖިލީހުގެ ރައީސާއި ނުއިބު ރައީސްކަމަށް ނެރެން ނިންމި ރައީސް ނަޝީދާއި އީވާއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އޭގެ އިތުރުން އެމްޑީޕީގެ ޕީޖީ ގްރޫޕަށް ވެސް ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ހުރިހާ ދިވެހި ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހާއެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަން ވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ނަންފުޅު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވުމާއެކު އެމަނިކުފާނު ވަނީ ފުރަތަމަ އެކަމަށް ތަނާޒިލް ވެފައެވެ. ނަމަވެސް ހުރިހާ މެމްބަރުންގެ އެދިލެއްވުމާއެކު ރައީސް ސޯލިހަށް ގުޅުއްވައި، ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ހިޔާލުފުޅު ހޯއްދަވައި، ފުރަތަމަ ނިންމެވި ނިންމެވުން ބަދަލުކުރައްވައިފައެވެ.