ޚަބަރު

ވައިގަދަވެ އަނެއްކާވެސް އިމާރާތަކުން ކުޑަ ދޮރެއް ވެއްޓިއްޖެ، މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އަންގާފައި!

މަރިޔަމް ޝަހުދާ

ވައިގަދަވުމުގެ ސަބަބުން އަނެއްކާވެސް އިމާރާތަކުން ކުޑަ ދޮރެއް ވެއްޓި މިކަމަށް ސަމާލުވުމަށް ފުލުހުން އަންގައިފިއެވެ.

މިރޭ 9:43 ހާއިރު މެޓްރޯ ކެފޭ ހުންނަ އެސްޓީއޯގެ އިމާރާތުގެ ތިންވަނަ ފަންގިފިލައިން ކުޑަދޮރެއް ވެއްޓިގެން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ކުޑަ ދޮރު ވެއްޓުމުގެ ސަބަބުން އެއްވެސް އުޅަނދަކަށް ގެއްލުން ނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި އެ އިމާރާތުގެ ބައެއް އިތުރު ދޮރުތައް އަރިއަޅަލާފައިވުމުން މިހާރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. އަދި މި ހާދިސާގެ މައުލޫމާތު ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ވައިގަދަ ވުމުގެ ސަބަބުން މިއަދު މާލޭގައި އެކި ހިސާބުތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. އަދި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ކުޑަދޮރުތައް ލައްޕައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.