ޚަބަރު

ހިޔާނާތުގެ ތުހުމަތުވާ އެއްވެސް އޮފިސަރަކު ރިޓަޔާކޮށްފައެއް ނުވޭ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އޮފިސަރުންގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވި މައްސަލައިގެ ތުހުމަތުވާ އެއްވެސް އޮފިސަރެއް ރިޓަޔާކޮށްފައި ނުވާ ކަމަށް އެ އިދާރާ އިން ބުނެފިއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ ކަސްޓަމްސްގެ މުވައްޒަފުންތަކަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިން، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، 2024 އޯގަސްޓް 19 ގައި އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ތުހުމަތުވާ އޮފިސަރުން ރިޓަޔާކޮށްފައިވާ ކަމަށްބުނެ ފެތުރެމުންދާ ވާހަކަތަކެއް ދޮގުކުރަމުން ކަސްޓަމްސް އިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ތަހުގީގުގައި ހިމެނޭ އޮފިސަރުން ކަމަށް ފުލުހުން މައުލޫމާތުދީފައިވާ އެއްވެސް އޮފިސަރެއް އެ ސާވިސް އިން ރިޓަޔާކޮށްފައި ނުވާ ކަމަށެވެ.

ކަސްޓަމްސްގެ ބައެއް އޮފިސަރުންނަށް ތުހުމަތުކުރެވިގެން މަނީ ލޯންޑްރިން، ހިޔާނާތް އަދި ރިޝްވަތާ ގުޅޭގޮތުން، ފުލުހުންގެ ހިދުމަތުން ތަހުގީގެއް ކުރަމުންދާކަން އަންގާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެ މައްސަލައިގެ މައުލޫމާތު އެނގިވަޑައިގަންނަވާ ސަރުކާރުގެ އިސް އޮފިޝަލަކު "ވަން" އަށް އިިއްޔެ ވިދާޅުވެފައިވަނީ 400 މިލިއަން ރުފިޔާ ކަސްޓަމްސް މުވައްޒަފުންތަކެއްގެ އެކައުންޓުތަކެއްގައި ދައުރުވި މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ ހިޔާނާތުގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

އޮފިޝަލު ވިދާޅުވެފައިވަނީ އެ މައްސަލައިގައި ކަސްޓަމްސްގެ 20 އޮފިސަރެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"އެފަދަ މައްސަލައެއް ސަމާލުކަމަށް އައިސްގެން މިހާރު ވަނީ ފުލުހަށް ވެސް ހުށަހަޅައިފައި. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާރު އަންނަނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން." އޮފިޝަލު ވިދާޅުވެފައިވެއެވެ.

ފުލުހުން މިހާތަނަށް އެ މައްސަލައާ ގުޅިގެން ބަލަމުން އަންނަނީ އެ 20 މީހުންގެ ތެރެއިން ތިނެއް ނޫނީ ހަތަރު އޮފިސަރެއްގެ މައްސަލަ ކަމަށް "ވަން" އަށް މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވެފައިވެއެވެ.

"މި 400 މިލިއަން ރުފިޔާ ދައުރުވެފަ ވަނީ 20 މީހެއްގެ އެކައުންޓުގައި. އެކަމަކު ފުލުހުން އަދި ތަހުގީގު ފުޅާކޮށްފައިވަނީ ތިނެއް ނޫނީ ހަތަރު މީހަކަށް." އޮފިޝަލު ވިދާޅުވެފައިވެއެވެ.

"ވަން" އަށް އެހެން މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 20 މުވައްޒަފުންނަކީ ކަސްޓަމްސްގެ އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ ހެޑް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަސްޓަމްސްގެ އެއާޕޯޓް ޔުނިޓުގެ އެރައިވެލްސްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ހިމެނެއެވެ. އޭގެ ތެރޭގައި ގިނައީ ފޯމު ފުރުން ފަދަ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުން ކަމަށްވެސް އެނގިފައިވެއެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ފިރިހެން މުވައްޒަފުން ކަމަށް ވެސް "ވަން" އަށް މައުލޫމާތު ދިން ދެވަނަ މަސްދަރުން ބުނެފައިވެއެވެ.

ފުލުހުން މިހާތަނަށް ތަހުގީގު ފުޅާކޮށްފައިވާ ތިން ހަތަރު މީހުން މިވަގުތު ތިބީ ޗުއްޓީގައިކަން "ވަން" އަށް ވަނީ އެނގިފައެވެ. އެ މީހުން ޗުއްޓީ ނެގީ މައްސަލަ ތަހުގީގުކުރާން ފެށި ފަހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"ވަން" އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލު ވިދާޅުވެފައިވަނީ ކަސްޓަމްސްގެ އޮފިސަރުންނަށް ތުހުމަތު ވަނީ އިމްޕޯޓު ޑިއުޓީއަށް ދައުލަތަށް ފައިސާ ނެގުމުގެ ތެރޭގައި ރިޝްވަތުގެ އަމަލުތަކެއް ހިންގިކަމުގެ ތުހުމަތެވެ. އެކަމާ ގުޅިގެން އެ ހަތަރު މީހުންގެ އިލެކްޓްރޯނިކް ވަސީލަތްތައް ވެސް ފުލުހުން ހިފަހައްޓައިފައިވާ ކަމަށް އެ އޮފިޝަލު ވިދާޅުވެފައިވެއެވެ.

އެ މައްސަލައިގައި ތުހުމަތުވާ 20 އޮފިސަރުންގެ ތެރެއިން އެކަކީ ކަސްޓަމްސްގެ ވަޒީފާއިން ރިޓަޔާކޮށްފައިވާ ފަރާތެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.