މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ ގެއެއް ބަލައި ފާސްކޮށް، 37 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ 37 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ގަލޮޅުގެ ދެ ގެއެއް ބަލައި ފާސްކުރުމަށްފަހު ކަމަށާއި އެ ދެ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 81 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ގ. ޕެލިކަން އިން 19 އަހަރާއި 42 އަހަރާ ދެމެދުގެ 11 ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި އަންހެނަކު އަދި 17 އަހަރުގެ ދެ ފިރިހެން ކުދިން ހައްޔަރުކޮށްފައިވާ ކަމަށާއި ގ. މެމޮރީ ވިލާ އިން 19 އަހަރާއި 42 އަހަރާ ދެމެދުގެ 24 ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މައްސަލައިގައި ހިމެނޭ ކުޑަ ދެ ކުދިން ފިޔަވައި އެހެން މީހުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށާއި އެ މައްސަލައިގައި ހިމެނޭ ދެ ކުދިން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބަލައި ފާސްކުރި ދެ ގެއަކީ ވެސް ފުލުހުންނަށް ނުވަދެވޭނެ ގޮތަށް އިލެކްޓްރިކް އަދި މެކޭނިކަލް ލޮކް ސިސްޓަމް ހަރުކޮށްފައިވާ ދެ ގެ ކަމަށާއި އެ ދެ ގޭގައި ވެސް މަސްތުވާތަކެތި ގަނެގެން އޭގެ ބޭނުން އެ ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައި ހުންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ބުނީ އެ ދެ ގޭގައި ވެސް މަސްތުވާތަކެތީގެ ބޭނުންކުރާ ކުޑަކުދިންނާއި އަންހެނުން ޝާމިލުކުރާ ކަމަށެވެ.