ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.
ސިޓީކައުންސިލުގެ އެފްބީ ޕޭޖުގައި މިއަދު ބުނީ މި ވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި ނުވަ އިންޗިއާ ދެމެދުގެ މިންވަރަކަށް، ފެން ހަރުލާފައި ހުރުމުގެ ސަބަބުން، ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.
"މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތްވާހަކަ ހިތާމައާއެކު ދަންނަވަމެވެ. މި ގޮތަށް ދިމާވުމުން، މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމު ހަމަޖެހިފައިވަނީ، މާލޭ އާ ސަހަރާ މިސްކިތުގައި ކަމަށް ދަންނަވަމެވެ." ސިޓީކައުންސިލުން ބުންޏެވެ.
ނަމަވެސް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލަން ފަށާނެ ވަކި ދުވަހެއް މާލެސިޓީކައުންސިލުން ބުނެފައެއް ނުވެއެވެ.
އެންމެ ފަހުން ރާއްޖެއަށް ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުން މިދިޔަ ހަފުތާބަންދު ހުރުދުވަހުގެ 11:37 އިން ހޮނިހިރު ދުވަހުގެ 8:30 އާ ހަމައަށް މާލެއިން 30،406 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.