ވިޕްލައިން ނެރެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ނެރޭނެ މެމްބަރަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު ހޮވައިފިއެވެ.
އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް ނެރޭނެ މެމްބަރެއް ހޮވާފައިވަނީ ދަރުބާރުގޭގައި މިރޭ ބޭއްވި އެ ޕާޓީގެ ބައްދަލުވުމުގައި ނެގި ވޯޓުންނެވެ.
އެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަދި އެ ހުށަހެޅުމަށް ވިލިފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފް ވަނީ ތާއީދުކުރައްވައިފައެވެ.
ބައްދަލުވުން ފެށުމުގެ ކުރިން މަޖިލީހުގެ ރައީސްކަމަށް ނެރޭނެ މެމްބަރެއްގެ ކެމްޕޭނު ކުރިއަށްދިޔަ އިރު، އެންމެ ކުރީގައި އުޅުއްވި ދެ ބޭފުޅުންނަކީ އަސްލަމާއި އަފީފެވެ. މަޖިލީހުގެ ރައީސްކަމަށް އަސްލަމް ޝައުގުވެރިކަން ފާޅުކުރެއްވުމާއެކު ރައީސް ނަޝީދު ވަނީ ތާއީދުކުރައްވައިފައެވެ. އަދި އަފީފަށް ތާއީދުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ނަންފުޅު އަސްލަމް ހުށަހެޅުއްވުމާއެކު އެމަނިކުފާނު ވަނީ ފުރަތަމަ އެކަމަށް ތަނާޒިލް ވެފައެވެ. ނަމަވެސް ހުރިހާ މެމްބަރުންގެ އެދިލެއްވުމާއެކު ރައީސް ސޯލިހަށް ގުޅުއްވައި، ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ހިޔާލުފުޅު ހޯއްދަވައި، ފުރަތަމަ ނިންމެވި ނިންމެވުން ބަދަލުކުރައްވައިފައެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސަކަށް ގެނައުމަށް ފާސްވީ ބައްދަލުވުމުގައި ބައިވެރިވެ، ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ވިޕްލައިނެއް ނެރުމަށް ވެސް ފާސްވެފައިވަނީ ބައްދަލުވުމުގައި ބައިވެރިވެ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީން މަޖިލީހުގެ ނައިބު ރައީސްކަމަށް ގެނައުމަށް ހޮވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އެ މަގާމަށް ކުރިމަތިލާފައިވަނީ ވެސް ހަމައެކަނި އީވާއެވެ. މަޖިލީހުގެ ނައިބު ރައީސްކަމަށް ގެނައުމަށް އީވާ ވެސް ހޮވިފައިވަނީ ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.