ވިޕްލައިން ނެރެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީން ނެރޭނެ މެމްބަރަކަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހޮވައިފިއެވެ.
އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް ނެރޭނެ މެމްބަރެއް ހޮވާފައިވަނީ ދަރުބާރުގޭގައި މިރޭ ބޭއްވި އެ ޕާޓީގެ ބައްދަލުވުމުގައި ނެގި ވޯޓުންނެވެ.
އެމްޑީޕީން މަޖިލީހުގެ ނައިބު ރައީސްކަމަށް ނެރޭނެ މެމްބަރަކަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލާފައިވަނީ ހަމައެކަނި އީވާއެވެ. ބައްދަލުވުމުގައި ބައިވެރިވެ، ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާގުން ނައިބު ރައީސްކަމަށް ނެރޭނެ މެމްބަރަކަށް އީވާ ވަނީ ހޮވިފައެވެ.
މިރޭ ބޭއްވި ބައްދަލުވުމުގައި އެމްޑީޕީން މަޖިލީހުގެ ރައީސަކަށް ގެނައުމަށް ނިންމާފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވެސް ހޮވާފައިވަނީ ބައްދަލުވުމުގައި ބައިވެރިވެ، ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް އެމްޑީޕީން ވަނީ ވިޕްލައިނެއް ނެރެފައެވެ. ވިޕްލައިން ނެރުމަށް ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.