ޚަބަރު

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސްފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު މިއަދު ރާއްޖެ ގެެނެސްފިއެވެ.

މޯލްޑިވިއަން އެއާލައިންގެ ހިދުމަތް ފުޅާކުރުމަށް ވައިޑް-ބޮޑީ އެއާކްރާފްޓް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މޯލްޑިިވިއަން އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ސިންގަޕޫރުން ފުރައިގެން ރާއްޖެ އައީ މިއަދު ހަވީރެވެ. ފްލައިޓުގެ ކެޕްޓަނުންގެ ގޮތުގައި ތިބީ ކެޕްޓަން ހުނައިނާއި ކެޕްޓަން މައުމޫނެވެ. ބޯޓުގެ ފަސްޓް އޮފިސަރެއްގެ ގޮތުގައި ހުންނެވީ އޭވިއޭޝަން ދާއިރާގައި 21 އަހަރުގެ ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ތޮއްލަތު އަންވަރެވެ.

އެ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުގެ ކުރިން އެއާ ޝޯއެއް ބާއްވާފައިވާއިރު، އެ މަތިންދާބޯޓު ވީއައިއޭގައި ޖެއްސުމުން ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ.

މޯލްޑިވިއަނުން މިއަދު ގެނައި އެއާބަސް އޭ-330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކުލާހުގެ ސީޓުތައް ހިމެނޭ އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯ އުފުލޭނެއެވެ. އަދި އެއާބަސް އޭ-330 ބޯޓާއެކު މޯލްޑިވިއަނުން ޗައިނާގެ ބެއިންޖިންއާއި ޝެންހާއީ އާއި ޗެންގްޑޫއަށް ސީދާ ދަތުރުތައް ކުރާނެއެވެ.