ޚަބަރު

ވައިޑް-ބޮޑީ ދެވަނަ މަތިންދާބޯޓު، އަންނަ އޮކްޓޯބަރު މަހު އުދުހެން ފަށާނެ: ރައީސް

ވައިޑް-ބޮޑީ ދެވަނަ މަތިންދާބޯޓު ގެނެސް، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ހިދުމަތް ދެވެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ330-200 އިފްތިތާހުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކަށްފަހު އޮކްޓޯބަރު މަހު ދެވަނަ ބޯޓު އުދުހުމަށް ތައްޔާރުވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއަދު ފުރަތަމަ ބޯޓު އައި ކަމުގައިވިޔަސް، މީގެ ދެވަނަ ބޯޓު މިއަހަރު، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އުދުހެން ފަށާނެ. އެކަމުގެ ޔަގީންކަން އަރުވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޮޕަރޭޝަން ފުޅާކުރުމަށް ވައިޑް-ބޮޑީ ދެ މަތިންދާބޯޓު އައިލެންޑް އޭވިއޭޝަނަށް ގެނައުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އޭގެ ފުރަތަމަ ބޯޓާއެކު މިއީ ދިވެހީންނަށް ލިބުނު ހާއްސަ އުފަލެއް ކަމަށެވެ.

"އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން. މިކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ހާއްސަކޮށް ވަރަށް ބޮޑު ކުރިއެރުމެއް ކުރިއަށްއޮތް މަސްތަކުގައި ލިބިގެންދާނެ ކަމެއް. މިއީ ފެށުމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މޯލްޑިވިއަނުން ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން އެހީތެރިވަނީ ސަރުކާރުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ފައިސާ، ފިނޭންސް މިނިސްޓްރީގެ ތެރެއިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހަމަޖައްސައިދިނުމަށް 2023 ވަނަ އަހަަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

އެއާއެކު 2023 ވަނަ އަހަަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މޯލްޑިވިއަނުން ވަނީ އެއާބަސް އޭ330-200ގެ މަތިންދާބޯޓެއް ކުއްޔަށް ހޯދަން އިއުލާންކޮށްފައެވެ. އެއީ 406 ސީޓު ހަރުކުރެވޭ، އަދި 7،250 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އެ ބޯޓު ކުއްޔަށް ނަގަން ނިންމާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ވައިޑް-ބޮޑީ މަތިންދާބޯޓުގެ ސީދާ ދަތުރުތައް ރާއްޖެއިން ޗައިނާގެ ބެއިޖިން، ޝަންހާއީ، ޗަންގްޑޫ އަދި ޝިއާންއަށް ކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން އެހެން މަންޒިލުތަކަށް ވެސް އަދި ދަތުރުތައް ފެށިގެންދާނެކަން ރައީސް މިއަދު ވަނީ އިއުލާންކުރައްވައިފައެވެ.