ޚަބަރު

އަހްމަދު އަބްދުﷲ ދީދީގެ ރީޓުވީޓެއް: ޖުޑީޝަރީއަކީ ވެރިންގެ ޕަޕެޓެއް ނޫން!

ޖުޑީޝަރީއަކީ ބާރު އޮތް ވެރިންގެ ޕަޕެޓެއް ނޫން ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކްލެރަންސް ތޯމަސް ވިދާޅުވި ކަމަށް ބުނެ ކޮށްފައިވާ ޓުވީޓެއް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ ރީޓުވީޓު ކުރައްވައިފިއެވެ.

ތޯމަސްގެ އެ ބަސްކޮޅު ޓުވީޓު ކޮށްފައިވަނީ ގާނޫނީ ދާއިރާގެ ހަބަރުތަކަށް ހާއްސަ އެމެރިކާގެ ނޫހެއް ކަމަށްވާ އޭބީއޭ ޖޯނަލްއިންނެވެ.

އަހްމަދު އަބްދުﷲ ދީދީ، އެ ޓުވީޓު ރީޓުވީޓު ކުރައްވާ އިރު، ޖުޑީޝަރީއަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ވަނީ "ސިޔާސީ ހައްޔަރީން" މިނިވަންކުރުމަށް އަމުރެއް ނެރެފައެވެ. އެ އަމުރު ނެރުނު މައްސަލައިގައި ރައީސް ޔާމީން ކުއްލި ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދަށް ގިނަ ދައުވާތަކެއް ކޮށްފައިވާ އިރު، އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ ޖަލު ހުކުމްތައް ވެސް ވަނީ އިއްވައިފައެވެ.

އަބްދުﷲ ސައީދު މަގާމުން ދުރުކުރުމަށް ފަހު، އެ މަގާމަށް އައްޔަންކޮށްފައިވަނީ އަބްދުﷲ ދީދީއެވެ.