ޚަބަރު

ޒަކާތު އިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯހަށް އިލްމު އިންސްޓިޓިއުޓް ތައްޔާރުވެއްޖެ

ފާތިމަތު ލިޔުޝާ

1

ޒަކާތު އިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް ފެށުމަށް އިލްމު އިންސްޓިޓިއުޓުން ތައްޔާރުވެއްޖެއެވެ.

އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން ކުރިއަށްގެންދާ ޑިޕްލޮމާ އިން ޒަކާތު މެނޭޖްމަންޓް ސައިންސް ކޯހަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ ހުއްދަ ދީފައެވެ.

އިލްމް އިންސްޓިޓިއުޓުން މިއަދު ބުނީ ދިވެހި ބަހުން ކިޔަވައިދޭ، އެއް އަހަރު ދުވަހުގެ އެ ޑިޕްލޮމާ ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ރާއްޖޭގެ އިލްމީ ބޭފުޅުން ކަމަށެވެ.

އެ ޕްރޮގްރާމުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި ހިމެނެނީ، އަގީދާ އެންޑް އިސްލާމިކް އެތިކްސް އާއި ޒަކާތު ސައިންސްގެ އާންމު އުސޫލުތަކާއި މުދަލު ޒަކާތް ބެހުމުގައި ޝަރުއީ ހުކުމްތަކާއި އެއާ ބެހޭ ދިރާސާތަކާއި ދިވެހި ޒަކާތު ނިޒާމާއި ޒަމާނީ ޒަކާތު މުއައްސަސާތަކުގެ ހިންގުމާއި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގައި ޒަކާތުގެ ދައުރެވެ.

އޭގެ އިތުރުން މުދަލު ޒަކާތް ގުނުމުގެ މައިގަނޑު ކަންތައްތަކާއި އިސްލާމިކް ފައިނޭންސާއި މުދަލު ޒަކާތުގައި ޒަމާނީ ޝަރީއަތުގެ މައްސަލަތައް ވެސް ކޯހުގައި ކިޔަވައިދިނުމަށް ވަނީ ހަމަޖައްސައިފައެވެ.

އިލްމް އިންސްޓިޓިއުޓުން ބުނީ އެ ކޯހަކީ އިސްލާމީ އިގުތިސާދުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް މުހިންމު ކޯހަކަށްވާނެ ކަމަށާއި ވަރަށް އަވަހަށް އެ ޕްރޮގްރާމުގައި ބައިވަރިވާން އިއުލާންކުރާނެ ކަމަށެވެ. ބައިވެރިވުމަށް ހުޅުވާލުމަށްފަހު ކޯސް ފަށާނެ ތާރީހެއް އިއުލާންކުރާނެ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟