މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި 34،500 ސިނގިރޭޓް ކާޓަން ގެއްލުނު މައްސަލައިގައި އެތަކެތީގެ ވެރިފަރާތް 40 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން، ޖޫރިމަނާކޮށްފިއެވެ. މި ޖޫރިމަނާ ކުރީ ކަސްޓަމްސްއިންނެވެ.
ގެއްލުނު ސިނގިރޭޓް ކާޓަންތައް ގުދަންކޮށްފައިވަނީ ޕްރައިވެޓް ބޮންޑެޑް ވެއާހައުސްއެއްގައެވެ. އެތަނުން ސިނގިރޭޓް ކާޓަންތައް ގެއްލުނު މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 28 ގަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން "ވަން" އަށް މިއަދު ވިދާޅުވީ ސިނގިރޭޓް ކާޓަންތައް ގެއްލުނު މައްސަލައިގައި އަތަކެތީގެ ވެރިފަރާތް 40 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ވެރިފަރާތް ޖޫރިމަނާކުރީ ކަސްޓަމުން ކަމަށާއި ޖޫރިމަނާކުރި ސީދާ އަދަދެއް މިވަގުތު ވިދާޅުވާން ދަތި ކަމަށެވެ. ނަމަވެސް އެއީ 40 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ސިނގިރޭޓް ކާޓަންތައް ގެއްލުނު މައްސަލަ ކަސްޓަމްސްގެ ފަރާތުން ފުލުހަށް ހުށަހަޅައިފައިވާ ކަމަށެވެ. އެ މައްސަލައިގެ ފުލުހުންގެ ތަހުގީގު އަދި ގޮސްފައިވާ ހިސާބެއްގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
"މި ކަހަލަ ބޮންޑެޑްވެއާހައުސްތަކުގައި، އަމިއްލަ ފަރާތްތަކުގައި ހިންގާ ބޮންޑެޑް ވެއާހައުސްތަކުގައި ހުންނަ ތަޅުގެ ތަޅުދަނޑި ވެރިފަރާތުގެ އަތުގައި ވެސް ކަސްޓަމްސްގަ ވެސް އޮންނާނެ. އެތަން ވެރިފަރާތަށް ހުޅުވޭނީ ކަސްޓަމްސްގެ ހާޒިރުގަ. ކަސްޓަމަށް ނޭނގި ވެރިފަރާތުން ތަޅު ހަލާކުކޮށްލައިގެން މި އެއްޗެހި ގެންގޮސްފަވަނީ. ދެން މީހުންނަކަށް ނޭނގޭނެތާ މިއީ ބޮންޑެޑް ވެއާހައުސްއެއްގައި ހުރި އެއްޗެއް ކަމެއް ޕިކަޕަކަށް ލައިގެން މި ގެންދަނީ" ސިނގިރޭޓް ކާޓޫންތައް ގެއްލުނު ގޮތް ސާފުކޮށްދެއްވަމުން އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ހާދިސާ ހިނގުމުގެ ސަބަބުން ބޮންޑެޑް ވެއާހައުސްތައް އަމިއްލަ ތަންތަނުގައި ހިންގޭނެ ގޮތަށް ކުރިން އޮންނަ އުސޫލު ބަދަލުކޮށް، ބޮންޑެޑް ވެއާހައުސްތައް ހިންގޭނީ ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ތަންތަނުގައި ކަމަށް ކަނޑައަޅައިފައިވާ ކަމަށެވެ.