ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ކ. ގުޅިފަޅުގެ މަގުތަކާއި މުނިސިޕަލް އިމާރާތްތައް ހެދުމުގެ މަސައްކަތް ޗައިނާގެ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައުސިން އެންޑް އިފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ސީއެމްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރީޖަނަލް މެނޭޖަރު ޝެން ހައުޖިން އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ. ސީއެމްއީސީގެ އިސް ބޭފުޅުންނާއި ދިވެހި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ސީއެމްއީސީއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގެ ނަތީޖާ ކަމަށެވެ. އެ ބައްދަލުވުމުގައި އެއިރުގެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ވެސް ބައިވެރިވި ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ސީއެމްއީސީއާއި މިނިސްޓްރީއާ ދެމެދު ވަނީ ގުޅިފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ޓެކްނިކަލް ފެންވަރުގައި، ވަރަށް ފުޅާ ދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އެގޮތުން މަޝްރޫއުތަކުގެ ސްކޯޕް ތައްޔާރުކުރުމާއި ޑިޒައިނިން މަސައްކަތްތައް ކޮށްފައިވާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"މި ހުރިހާ މަސައްކަތަށްފަހު ކޮންޓްރެކްޓާ ފައިނޭންސިން ހަމަޖައްސާގޮތަށް ސީއެމްއީސީން ހުށަހެޅި ޕްރޮޕޯސަލް އިވެލުއޭޓްކޮށް އެއާމެދު ކުރެވުނު މަޝްވަރާތަކަށްފަހު ކޮންޓްރެކްޓަކާ ހަމައަށް އާދެވިފަ މިވަނީ." މުއްތަލިބު ވިދާޅުވިއެވެ.
ސީއެމްއީސީގެ ރީޖަނަލް މެނޭޖަރު ޝެން ހައުޖިން ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ އެކި ކަންކަމުގައި ސީއެމްއީސީގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. ސީއެމްއީސީއަކީ ރާއްޖޭގެ ތަރައްގީއާ ގުޅުން އޮންނަ ރާއްޖޭގެ ތަރައްގީއަށް މުހިންމު ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސީއެމްއީސީއަކީ ރާއްޖޭގައި މަޝްރޫއުތައް ހިންގުމުގެ 14 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.