ޚަބަރު

ފަޒުލްގެ ގެއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދި!

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރިއިރު، އެ ގެއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައި، ފުލުހުން ގެންދިޔަކަން މި ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުން އަންނަ ތަހުގީގުގެ ތެރެއިން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ފުލުހުން ބަލައި ފާސްކުރީ، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑު ކޯޓު އަމުރެއްގެ ދަށުންނެވެ.

'ވަން' އަށް މައުލޫމާތު ހިއްސާކުރި ދެ މަސްދަރަކުން ވަނީ ފަޒުލްގެ ގެއިން ނަގުދު ފައިސާ އިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ގެންދިޔަކަން ކަށަވަރު ކޮށްދީފައެވެ. އެއް މަސްދަރުން ބުނި ގޮތުގައި ފެނުނު ފައިސާގެ އަދަދު 1.6 މިލިއަން ރުފިޔާއަށްވުރެ ގިނަވާނެއެވެ.

ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލުންނާ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވާތީ، ފަޒުލްގެ ގެއިން ފެނުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ފުލުހުން ކުރިން ވަނީ ފަޒުލްގެ ގެ ފާސްކޮށް، ތަހުގީގުގެ ބޭނުމަށް ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތުން ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އިތުރަށް މި މައްސަލައިގައި މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަކަށް ފުލުހުންނާއި އޭސީސީން ގުޅިގެން އަންނަނީ ތަހުގީގެއް ކުރަމުންނެވެ. އެ ތަހުގީގު ކުރިއަށް ދަނިކޮށް، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭގެ ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ.